ޑރ. މުހައްމަދު މުއިއްޒު

ވައުދުވި ހުރިހާ އެއާޕޯޓެއްގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

ވައުދު ވެވަޑައިގެންނެވި އެއާޕޯޓްތަކުގެ މަސައްކަތް މި އަހަރު އެކި މަރުހަލާގައި ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދަތުރުފަތުރުގެ ދަތި ކަމަށް ހައްލު ހޯދައި ދިނުމަށާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވަނީ ހަނިމާދޫ އެއާޕޯޓާއި، އައްޑޫ ގަން އެއާޕޯޓް މިއަހަރު ހުޅުވައި މ. މުލީ އެއާޕޯޓް އެޕްރީލް މަހު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ވައުދުވެފައިވާ ފަދައިން، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ. ކައްދޫ އެއާޕޯޓްގެ މަސައްކަތް މިއަހަރު އެކި މަރުހަލާގައި ކުރިއަށްދާނެ. މީގެ އިތުރަށް ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފުޅާކުރުމަށް އަޅުގަނޑު ވައުދުވެފައިވާ ގޮތަށް މަސައްކަތްތައް މިއަހަރު ފެށިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ފެރީ ހިދުމަތް ދޭން ފަށާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.