ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މުހިންމު ނޫން ކަމަށް ބުނެ އާޖެންޓިނާ ވަކިވަނީ

އާޖެންޓިނާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔޫއެޗްއޯ) އިން ވާކިވާން ނިންމައިފި އެވެ.

ސަބަބެއް ކަމަށް ބުނީ އާޖެންޓީނާގެ ސިއްހަތާ ބެހޭ ދާއިރާތަކަށް އެހީތެރިވުމުގެ ބަދަލުގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާޢިން މާބޮޑަށް އެ ގައުމުގެ އަމިއްލަ ކަންތައްތަކަށް ޝައުރުގުވެރިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަކިވާން އާޖެންޓިނާއިން ނިންމިއިރު، އެމެރިކާއިން ވެސް ވަނީ މި ޖަމާއަތުން ވަކިވާން ނިންމާފަ އެވެ.

އާޖެންޓިނާގެ މި ނިންމުމާ ބެހޭ ގޮތުން އެ ގައުމުގެ ރިޔާސީ ތަރުޖަމާން ވިދާޅުވީ ޑަބްލިޔޫއެޗްއޯ އަކީ އެ ގައުމަށް މުހިންމު ޖަމާއަތެއް ނޫން ކަމަށެވެ. އާޖެންޓިނާ އާއި ޑަބްލިޔޫއެޗްއޯއާ ދެމެދު ބޮޑުތި ކިލާފުތައް -- ދެބަސްވުންތައް ހުރި ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ދުނިޔެއަށް 2019 ގައި ލައްވާލި ކޮވިޑުގެ ހާލަތުން އަރައިގަތުމުގައި ވެސް ޑަބްލިޔޫއެޗްއޯއިން އެކަށީގެންވާ ގޮތަށް އާޖެންޓިނާއަށް އެހީތެރިވެފައި ނުވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުން އާޖެންޓިނާގެ ރައީސް ޖާވިއާ މިލައީ ވެސް ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބޭރުވުމަށް އިދާރާތަކަށް އަންގަވާފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަކިވާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުރައީ 21، 2025 ގައި ވަނީ ރިޔާސީ ބަޔާނަކުން ނިންމަވާފަ އެވެ. މި ނިންމުމާ އެކު ޑަބްލިޔޫއެޗްއޯއާ ގުޅުން ހުރި ހުރިހާ ގުނަވަނަކުން އެމެރިކާ ބޭރުވާނެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ޑަބްލިޔޫއެޗްއޯއިން ބޭރުވުމަށް ފަހު އެމެރިކާގައި އަމިއްލަ ސިއްހީ ޕްރޮގްރާމްތަކެއް ފައްޓަވާނެ އެވެ. އެއީ އާންމުންނަށް މިހާރަށް ވުރެ ފައިދާ ބޮޑު ގޮތަކަށް ވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޑަބްލިޔޫއެޗްއޯއިން ވަކިވާން އެމެރިކާ ނިންމުމަކީ އާޖެންޓިނާ އަދި މި ފަދައިން ވިސްނާ ގައުމުތަކަށް، މި ޖަމާއަތުން ބޭރުވާން ފަސޭހަ މަގަކަށް ވާނެ ކަމަށް ބެލެވެ އެވެ.