ޣައްޒާގެ ރައްޔިތުންގެ އެ މީހުންގެ ވަޒަނުން ބޭރުކުރުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ ހަރުކަށި ފާޑުކިޔުންތަކާއި ނުރުހުމުގެ ބަސްތައް އަމާޒުވުމުން އެމެރިކާ ސަރުކާރުގެ ރާގު މުޅިން ބަދަލުވެއްޖެ އެވެ.
މީގެ ކުރިން ޓްރަމްޕް ވިދާޅުވީ ޣައްޒާ އަލުން ބިނާކޮށް، އެތަން ތަރައްގީކުރުމަށްޓަކައި ޣައްޒާގެ ރައްޔިތުން މިސްރާއި އުރުދުންއަށް ގެންގޮސް އެމެރިކާގެ ބެލުމުގެ ދަށަށް ޣައްޒާ ގެންނަން ޖެހޭނެ ކަމަށެވެ.
ޓްރަމްޕްގެ މި ޕްލޭނާ ގުޅިގެން ޖަރުމަނާއި ޗައިނާ، ރަޝިއާ ފަދަ ނުފޫޒު ގަދަ އެތައް ގައުމަކުން ވަނީ ޓްރަމްޕްގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ގައުމުތަކުގެ ފާޑުކިޔުންތަކާ ގުޅިގެން، ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލައިން ލެވިޓް ވިދާޅުވީ ޓްރަމްޕް ދެއްކެވި ވާހަކަ ބަޔަކަށް އޮޅިފައިވާ ކަމަށެވެ. ޓްރަމްޕް ދެއްކެވީ ވަގުތީ ހައްލެއް ކަމަށާއި، ޣައްޒާ އަލުން ބިނާކޮށް ނިމުމުން، އެތަނުގެ ރައްޔިތުންނަށް އެނބުރި އެމީހުންގެ ވަޒަނަށް ދެވޭނެ ކަމަށްވެސް ބުންޏެވެ.
ޓްރަމްޕްގެ ޕްލޭން އދ. އިން ސިފަކުރީ ފަލަސްތީން ރައްޔިތުންގެ ނަސްލު ނައްތާލުމުގެ އަމަލެއްގެ ގޮތުގައެވެ. މިފަދަ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުމުން، އެމެރިކާ ސަރުކާރުން ވަނީ ވާހަކަތަކުގެ ރާގު ބަދަލުކޮށް ހެދުނު ގޯސް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.