މިނިސްޓަރު އަލީ އިހުސާން

ސިޒޭރިއަން ހެދި ފަހުން ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށައިފި

ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދި ފަހުން ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ވިލިނގިލީގައި ދެމައިން ނިޔާވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.

އިހުމާލުވި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅަން ފުލުހުންނަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިމައްސަލަ ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވެސް ބުނެފައިވެ އެވެ.

ޝިއުނާ ތައުފީގުގެ ސިޒޭރިއަން ހެދީ އޭނާގެ ބަނޑަށް އަށް މަހުގައެވެ. ސިޒޭރިއަނަށްފަހު އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވި ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ. އާއިލާ އިން ބުނާ ގޮތުގައި ޝިއުނާ މަރުވީ ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ދިނުން ލަސްވެ އިހްމާލުވުމުންނެވެ.

ޝިއުނާގެ ސިޒޭރިއަން ހެދީ އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމުން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންގެ ޑޮކްޓަރެއް ގެންގޮސްގެން ކަމަށް މައުލޫމާތު ލިބެ އެވެ.

"އޭގެ ކުރިން ހުރިހާ ވަގުތަކުވެސް ބުނަމުން ދިޔައީ މާލެ ގެންދަން ފްލައިޓް އަންނަ ވާހަކަ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެއާ އެމްބިއުލާންސް ރޭ 7:00 ހާއިރު ގެންދަން ނިންމުމަށްފަހު ބަލި މީހާ ސްޓޭބަލް ކަމަށް ވިލިނގިލި ހޮސްޕިޓަލް އިން އެންގުނުން ފަހުން ފްލައިޓް ކެންސަލް ވެސް ކުރި އެވެ. ނަމަވެސް ހާލަތު ގޯސް ކަމަށް އަނެއްކާވެސް އެންގުމުން ފަހުން އެއާ އެމްބިއުލާންސް ގެންގޮސްފައިވެ އެވެ.