މޯލްޑިވިއަން

މޯލްޑިވިއަންއަށް އެއާބަސް ހޯދަނީ

ގައުމީ އެއާލައިން -- މޯލްޑިވިއަންއަށް އެއާބަސް މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން ހޯދަނީ އެއާބަސް އޭ330-200 މަރުކާގެ ފްލައިޓެކެވެ. މި ފްލައިޓް ހޯދަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

އިއުލާނުގައިވާ ގޮތުން މި އަހަރުގެ ތިން ވަނަ ކުއާޓަރަށް މި ފްލައިޓް ފޯރުކޮށްދޭން ޖެހެ އެވެ.

މި ފްލައިޓްގައި އިކޮނޮމީ އަދި ބިޒްނަސް ކްލާސްގެ ސީޓު ހުންނަން ޖެހޭއިރު ބިޒްނަސް ކްލާސްގައި މަދުވެގެން 20 ސީޓު ހުންނަން ޖެހެ އެވެ.

މި ފްލައިޓް ހޯދަނީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމުގެ ގޮތުންނެވެ.

މޯލްޑިވިއަންގައި މިހާރުވެސް އޭ330 މަރުކާގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް އޮވެ އެވެ. މި ފްލައިޓް ގެނައީ ފާއިތުވި ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.

މޯލްޑިވިއަން އިން ދަނީ އިންޑިއާގެ ދެ މަންޒިލަކާއި ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ބާއްވަމުންނެވެ.