އައިޖީއެމްއެޗް ތެރެއިން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް ހަތް ދުވަސްދީފަ އެވެ.
މި މައްސަލައިގައި އޭނާ ވަނީ ހޮސްޕިޓަލްގެ މުވައްޒަފަކު ހުއްދަ ދީގެން އެތަނުގައި ހުރި އެލްމިނިއަމްތަކެއް ނެގި ކަމަށް ބުނެފަ އެވެ. ނަމަވެސް ހުއްދަ ދިނީ ކާކުކަން ބުނެ ނުދެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވެ އެވެ.
ހާދިސާ ރިޕޯޓުގައި އޭސީއެއްގެ ބައިތަކެއް ނަގަން އުޅުނު ކަމަށް ބުނެފައިވާއިރު އެކަމުގައި ބައިވެރިނުވާ ކަމަށާއި އެތަނަށް ދިޔައީ ރައްޓެއްސަކު ފެނިގެން ކަމަށް އޭނާ ބުނެފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.