ކުޅުދުއްފުށި

ކުޅުދުއްފުށީ ކައުންސިލްގެ ރައީސްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ފަށައިފި

ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދުގެ މައްޗަށް ގައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލިކަމުގެ ދައުވާ އުފުލައިފި އެވެ. އެ ދައުވާގެ ޝަރީއަތް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި މިހާރު ވަނީ ފަށާފަ އެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ، ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގައިރު ގާނޫނީ އެއްވުމަކުން އަމާން ނަގާލިކަމުގެ ދައުވާ ކަމަށާއި އެ ދައުވާގެ ޝަރީއަތް މިހާރު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި ފަށާފައިވާ ކަމަށެވެ.

އަލީ މުހައްމަދު މައްޗަށް ދައުވާކޮށްފައިވަނީ، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު، ކުޅުދުއްފުށީގައި އެމްޑީޕީއިން ބޭއްވި އެއްވުމެއްގައި ޕީޕީއެމްގެ ބައެއް މެންބަރުންނަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގަ އެވެ.

މި ދައުވާ އަލީ މުހައްމަދުގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ހުކުމެއް އަންނާނެ އެވެ.

ކުޅުދުއްފުށި ކައުންސިލްގެ ރައީސްގެ މައްޗަށް ދައުވާކޮށް، މައްސަލާގެ ޝަރީއަތް ފަށާފައިވާއިރު ކޮރަޕްޝަންގެ ދެ މައްސަލާގައި އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގުގެ މައްޗަށް ދައުވާ ކުރުމަށް، އޭސީސީ އިން ޕީޖީއަށް މައްސަލަ ވަނީ ފޮނުވާފަ އެވެ.