ޕްރައިމަރީ ގުރޭޑްތަކުގައި ހިސާބާއި ދިވެހި މާއްދާ އިން ފާސްވާ ދަރިވަރުންގެ ނިސްބަތް ދަށްވަމުންދާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާނާ ގުޅުވައިގެން ދައުލަތުގެ މީޑިއާ އިން ރޭ ގެނެސްދިން ވަޒީރުންގެ ފޯރަމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކީސްޓޭޖް 1 އަދި ކީސްޓޭޖް 2ގެ ދަރިވަރުން ހިސާބު އަދި ދިވެހި މާއްދާއިން ފާސްވާ ނިސްބަތް 50 ޕަސެންޓަށް ވުރެ ދަށަށް ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
މިނިސްޓަރު ވަނީ މިމައްސަލަ އިތުރަށް ސާފުކޮށްލަ ދެއްވުމަށްޓަކައި ތަފާސްހިސާބެއްވެސް ހިއްސާކުރައްވާފަ އެވެ.
"ހިސާބު މާއްދާއަށް ބަލާލާއިރު 2015 ވަނަ އަހަރު މުޅި ގްރޭޑްގެ ދަރިވަރުންގެ ފާސްވާ އިންސައްތަ މިހުރީ 58 [އިންސައްތައިގައި]. އެހެންނަމަވެސް މިދިޔަ އަހަރު ނިމުނިއިރު ފާސްވާ އިންސައްތަ 46 އިންސައްތައް ދަށްވެއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ ހިސާބާއި ދިވެހި މާއްދާ އިން ފާސްވާ ކުދިންގެ ނިސްބަތް ދަށްވާނަމަ އެފަދަ ކުދިން މަތީ ގުރޭޑްތަކަށް ދާއިރު އެ ކުދިންގެ ކިޔެވުމަށް އިތުރު ދަތިތަކާއި އުދަނގޫތައް ދިމާވާނެތީ އެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދަށް ގްރޭޑްތަކުގައި ދިވެހި މާއްދާއިން ފާސްވާ ނިސްބަތް ހުރީ 40 ޕަސެންޓްގަ އެވެ. އެކަމަކު އިނގިރޭސި މާއްދާއިން ފާސްވާ ނިސްބަތް 54 ޕަސެންޓްގައި ހިފަހައްޓާފައި ހުރި ކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އިތުރަށް ވިދާޅުވީ ރަނގަޅު ތައުލީމެއް ލިބިފައިވާ ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް މުހިއްމު ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.