ފިނޭންސް މިނިސްޓްރީ

ދައުލަތުގެ ހަރަދާއި އާމްދަނީވެސް ދަށަށް

ދައުލަތުގެ ހަރަދާއި ލިބުނު އާމްދަނީވެސް ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ކުރި ހޭދަ އާއި ލެންޑިންގް އަދި އިންވެސްޓްމަންޓްސްއަށް ކުރި ހޭދައާއެކު ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 2.8 ބިލިއަން ރުފިޔާގަ އެވެ.

މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 3.2 ބިލިއަން ރުފިޔާގަ އެވެ.

ލޯނުތައް ދެއްކުމަށް ކުރި ހޭދަ އާއި ލެންޑިންގް އަދި އިންވެސްޓްމަންޓްސްއަށް ކުރި ހޭދަ ނުހިމަނައި ދައުލަތުގެ ހަރަދު މި އަހަރު ހުރީ 2.0 ބިލިއަން ރުފިޔާގަ އެވެ. ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި މި ހަރަދު ހުރީ 2.7 ބިލިއަން ރުފިޔާގަ އެވެ.

ދައުލަތުން މި އަހަރު ވަނީ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 955 މިލިއަން ރުފިޔާ އަދި އިދާރީ އާއި ހިނގުމުގެ ހަރަދަށް އެއް ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް ހޭދަކުރީ 855 މިލިއަން ރުފިޔާ އެވެ. ނަމަވެސް އިދާރީ އާއި ހިނގުމުގެ ހަރަދަށް 1.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ދައުލަތަށް މިއަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 3.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 3.7 ބިލިއަން ރުފިޔާ ލިބުނެވެ.