ކްރިމިނަލް ކޯޓް

އިއުތިރާފް އެއްބަސްވުމުން އަދަބު ލުއި ކުރި މީހަކު ވައްކަން ކޮށްގެން ހައްޔަރުކޮށްފި

ދައުލަތާއެކު ހެދި އިއުތިރާފް އެއްބަސްވުމަކުން ލުއި އަދަބެއް މިދިޔަ ޑިސެމްބަރު މަހު ދިން މީހަކު، ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމަކާއެކު ލުއި އަދަބެއް މިދިޔަ ޑިސެމްބަރު މަހު ދިން މީހަކީ، ނ. ހޮޅުދޫ، ހުދުވެލި، އަހްމަދު ސޫޒަން އެވެ.

ޑިސެމްބަރު މަހު އޭނާގެ މައްޗަށް އެންމެ 17 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މާލޭގެ ފިހާރައެއްގެ ބިއްލޫރި ގަނޑު ތަޅާލި މައްސަލައިގައެވެ. އެއީ، ޑްރީމް ފްރެޝް މާޓް ފިހާރަ އެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި ޑްރީމް ފްރެޝް މާޓް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި އަހްމަދު ސޫޒަންގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން އުފުލި އެވެ. އެއީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ. އަދި އަނެއް ދައުވާއަކީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ. އެ މައްސަލައިގައި ސޫޒަން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާއިރު އޭނާގެ މައްޗަށް ދެ ދައުވާވެސް ވަނީ ސާބިތުވެފަ އެވެ.

މީގެތެރެއިން ހުއްދަ ނޫން ތަނަކަށް ވަނުމުގެ މައްސަލައިގައި ސޫޒަންގެ މައްޗަށް އައީ ދެ މަހާއި 12 ދުވަހުގެ ޖަލުގެ ހުކުމް އެކެވެ. އެހެން ނަމަވެސް އެ މުއްދަތަށް ވާވަރަށް އޭނަ ބަންދުގައި ހޭދަކޮށްފައިވާތީ އެ ހުކުމް ފުރިހަމަކުރާކަށް ނުޖެހުނެވެ.

މުދަލަށް ގެއްލުން ދިން މައްސަލައިގައި ސޫޒަންގެ މައްޗަށް އައީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތާއި އަދި ހުއްދަ ނޫން ތަނަކަށް ވަތް މައްސަލައިގައި ކުރި ހުކުމުން ޖެހޭ މުއްދަތަށް ކެނޑުމަށްފަހު ސޫޒަން ޖަލުގައި ހޭދަކުރަން ޖެހުނީ އެންމެ 17 ދުވަސް ކަމަށް ކޯޓުން ވަނީ އެ ފަހަރު ހުކުމްކޮށްފަ އެވެ.

ސޫޒަން މި ފަހަރު ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލައެއްގައެވެ. އެ މައްސަލައިގެ ތަފްސީލެއް ނެތް ނަމަވެސް ބަންދު އަމުރުން އެނގޭ ގޮތުގައި ސޫޒަން 15 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. މި ފަހަރު އޭނާ ވައްކަންކޮށްފައިވަނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް އޭނާއާ ހަވާލާދީ ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.