މަސްވެރިކަމާއި ކަނޑުތަކާބެހޭ ދިރާސާތައް ކުރެއްވުމުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ މުހައްމަދު ޝަކީލް އަވަހާރަވުމަކީ އެ ދާއިރާއިން ގައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޝަކީލް އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަކީލްގެ އާއިލާއަށް ތައުޒިއްޔާ ދަންނަވާފަ އެވެ.
ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރު ގަދަ ބޭފުޅެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭނާ އަވަހާރަވިއިރު ހުންނެވީ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.
މެރިން ބަޔޮލޮޖިސްޓް ޓްރެއިނީއެއްގެ ގޮތުގައި ޝަކީލް ފިޝަރީޒް މިނިސްޓްރީއާ ގުޅިވަޑައިގަތީ 1983 ވަނަ އަހަރު އެވެ.
ޝަކީލް ވަނީ 1984 އިން 1990 އަށް ރަޝިޔާގައި މާސްޓާސް އިން ބަޔޮލޮޖީ (އިކްތިއޮލޮޖީ އެންޑް ފިޝް ބްރީޑިންގ) ހާސިލުކުރައްވާފަ އެވެ.