މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކަށް ވަރަށް ބޮޑަށް އިތުބާރުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވި ސަބަބެއް ކަމަށް ބެލެވެނީ ދައުލަތުގެ މާލީ ހިސާބުކިތާބުތައް އީލޮން މަސްކަށް ލިބޭ ގޮތަށް ޓްރަމްޕްގެ ރިޔާސީ އަމުރަކުން ކަނޑައެޅުއްވުމާ ގުޅިގެން ކުރިމަތިވެވަޑައިގެންނެވި ފާޑުކިޔުންތަކަށް ދެއްވި ރައްދެއް ގޮތުގަ އެވެ.
އެމެރިކާގެ މާލިއްޔަތަށް ވަންނަ ފައިސާ އާއި ޚަރަދުކުރާ ގޮތް އަދި ސަރުކާރުގެ އިދާރާތަކުން ދައުލަތުގެ މުދަލާއި ބިނާތައް ބަލަހައްޓާ ގޮތް ބައްލަވައި ގޮތްފޮތް ވިދާޅުވުމަކީ ޓްރަމްޕްގެ ސަރުކާރުގައި މަސްކަށް އޮތް ޒިންމާ އެކެވެ.
އީލޮން މަސްކް އަކީ ޓްރަމްޕް ސަރުކާރުގެ ބައިވެރި އެކެވެ. އޭނާއާ ހަވާލުކުރައްވާފައި ވަނީ ޑިޕާޓްމަންޓް އޮފް ގަވާންމަންޓް އެފިޝަންސީ (ޑޯޖް) އެވެ.
ޑޯޖުން ކުރާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ސަރުކާރު ތެރޭގައި ހިންގާ ކޮރަޕްޝަންގެ މުއާމަލާތްތައް ދެނެގަތުމާއި، އިދާރާތައް ހިންގުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ހޭދަކުރުން މަނާކުރުން ހިމެނެ އެވެ.
އެމެރިކާ ސަރުކާރަށް ބުރަބޮޑު ޖަމާއަތްތަކާއި އިދާރާތައް އުވާލުމަށް ޓްރަމްޕަށް ދެންނެވުމާއި މަސައްކަތަށް ފަރުވާކުޑަ މުވައްޒަފުންނާއި އިދާރާތަކުގެ ވެރިން ވަޒިފާއި ވަކިކުރަން ސަރުކާރަށް ހުށަހެޅުން ވެސް ހިމެނެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން މަސްކް ކޮށްދެއްވާ މަސައްކަތްތަކަށް އެއްވެސް އަގެއް، މުސާރައެއް ނުނަންގަވަ އެވެ. އޭނާ އަކީ ފައިސާގެ ބޭނުންމުގައި ސަރުކާރަށް ވާގިވެރިވާ ބޭފުޅެއް ނޫން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
މަސްކް އަކީ ބިޔަ ވިޔަފާރިތަކެއް -- ސްޕޭސްއެކްސް، ޓެސްލާ، ސްޓާލިންކް އަދި އެކްސް ހިންގެވުމުގައި އެންމެ އިސް ވެރިޔާ އެވެ. މިއީ އޭނާގެ ވިޔަފާރިތަކެކެވެ.
މަސްކްގެ އަމިއްލަ ޒިންމާތައް އުފުއްލަވަމުން ވެސް، އެމެރިކާ ސަރުކާރަށް ވަގުތު ހުސްކޮށްދެއްވަނީ ކިހިނެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ސަރުކާރު އެކުލަވާލި ފަހުން ވަރަށް ގިނަ ވަގުތު އެކުގައި މަސްކް މަސައްކަތްކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.