ރައްޔިތުންގެ މަޖިލިސް

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖަށް ހުރަސް އެޅުމުން ކުއްލި މައްސަލައެއް

ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖަށް ހުރަސް އެޅުމުން އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަގެ ބަހުސް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

މި ކުއްލި މައްސަލައަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުނު ދެ ކުއްލި މައްސަލައިގެ ތެރެއިން އެއް މައްސަލަ އެވެ.

އެ ޖަލްސާއަށް ހުށަހެޅުނު ދެ ކުއްލި މައްސަލައިގެ ތެރެއިން ގުރުއަތުން ހޮވުނު ކުއްލި މައްސަލައިގެ ބަހުސް ވަނީ އެ ދުވަހު ކުރިއަށް ގެންގޮސްފަ އެވެ. އެ ގޮތުން އެ ދުވަހު ކުރިއަށް ގެންދިޔަ ކުއްލި މައްސަލައަކީ ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސް ދައުލަތުގެ މީޑިއާއިން ދައްކަމުންދާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި މައްސަލައެކެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެއް މައްސަލައަށްވުރެ ގިނަ ކުއްލި މައްސަލައިގެ ނޯޓިސް ލިބިފައިވާނަމަ، އެ ޖަލްސާއަކަށް ހުށަހެޅޭނެ މައްސަލަ ގުރުއަތުން ނެގުމާއެކު ދެން ހުރި މައްސަލަ ޖެހިގެން އަންނަ ޖަލްސާއަކަށް ގެންދަން ޖެހޭނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ މީހަކު އިހުތިޔާރުކުރާ މަސައްކަތެއް ކުރުމަކީ ގާނޫނުއަސާސީން ކޮންމެ ދިވެއްސަކަށް ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ.

ނަމަވެސް، ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފުކޮށް ސަރުކާރުން ޓެކްސީގެ ހިދުމަތްދޭން އިއުލާނުކުރުމުން ޑިސެމްބަރު 11 ވަނަ ދުވަހު ޓެކްސީ ޑްރައިވަރުން ކުރަމުންދިޔަ އިހުތިޖާޖަށް އިޖާބަ ދިނުމެއް ނެތި ފުލުހުން މެދުވެރިކޮށް އެ އިހުތިޖާޖަށް ހުރަސް އަޅާފައިވާ ކަމަށް މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެ އެވެ.

މީކާއީލް ވިދާޅުވީ އެ އިހުތިޖާޖުން ޓެކްސީ ޑްރައިވަރުން ހައްޔަރުކޮށް އިހުތިޖާހުގައި ބައިވެރިވި ޓެކްސީތައް ޓޯކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި މުދާ މިލްކުކުރުމާއި މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ކަމަށެވެ.

ޓެކްސީތައް ޓޯ ކުރުމަކީ އެ މީހުންގެ އަޑު ކަނޑުވާލުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް މީކާއީލް ވިދާޅުވި އެވެ.

މުޒާހަރާގައި ޓޯކުރި ޓެކްސީތައް ދޫކޮށްލުމަށްވެސް މި ކުއްލި މައްސަލައިގައި ވަނީ ގޮވާލާފަ އެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފާސްވީ ވޯޓު ދެއްވި 63 މެންބަރުންގެ އިއްތިފާގުންނެވެ.