ވާހަކަ

ކަރުނައިގެ އަގު

ނޮވެމްބަރު މަހުގެ ކުރީކޮޅެވެ. މެންދުރުން ފެށިގެން ވިއްސާރަވާން އުޅޭކަމުގެ ލިސާންތައް ހަފަރާތުން އައީ ފާޅުވަމުންނެވެ. މިހާރު ހަވީރު ހަތަރެއްޖަހައި ދިޔައީ އެވެ. އުދަރެސްމަތީ ވިލާބޯވެ ދުނިޔެމަތި އަނދިރިކޮށްލާފައިވާއިރު ހީވަނީ މާކުރީން އިރު އޮއްސިއްޖެ ހެންނެވެ. ފަޒާގައި އެނބުރޭ ވައިރޯޅިތައް ކުރިޔަށްވުރެ ފިނިވެ ބާރުވެއްޖެއެވެ. ހިނގާ މީހުންނަށްވުރެ ހުޅުމާލޭގެ މަގުތަކުގައި މިވަގުތު ގިނައީ ދުއްވާ އުޅަނދުތަކުގައި ދަތުރުކުރާ މީހުންނެވެ. ދުވެލި ބާރުކޮށްލާފައިވާއިރު ކޮންމެ މީހަކު ވާރޭގައި ނުޖެހި އެމީހެއްގެ މަންޒިލަށް ދާން ކެތްތެރިކަން ކުޑަވެފައިވާ ކަހަލައެވެ. ބަސް ހުއްޓި ކައިރީ މީހަކު ފެންނަން ނެތް ނަމަވެސް ދުރުން އައި ބަސް އެތަނަށް މަޑުކޮށްފިއެވެ. ހުޅުމާލޭގެ އެތެރޭގެ ދަތުރުތައް ކުރާ އެ ބަހުން ފޭބީ ހަތަރު ވަރަކަށް މީހުންނެވެ. އެމީހުން ފޭބުމާއެކު ބަސް އޭގެ ދަތުރު ފުރިހަމަކުރުމަށް ނައްޓާލައިފިއެވެ.

ދާދިދެންމެއަކު ކަހަލަ ގޮތަކަށް ނައްޓާލި ބަހުން ފޭބި މީހުން ހަލުވި ފިޔަވަޅުގައި ކޮޅުކޮޅު މައްޗަށް ހިނގައިގަނެއްޖެ އެވެ. ނަމަވެސް އެމީހުންގެ ތެރެއިން ފޭބި އަންހެންކުއްޖަކު ދުވާރުމަތީ މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ އިސްއުފުލައި އުޑުމައްޗަށް ބަލާލިއެވެ. ފަސްފޫޓު ކިރިޔާ ހަމަވާވަރުގެ އިސްކޮޅެކެވެ. އަޅިނޫކުލައިގެ ޝޯލްއިން ބޯނިވާކޮށްލާފައި އޮތްއިރު ކުރިމަތިން ދިގުކޮށް ޝޯލްގެ އެއްބައި އެލިފައި އޮތެވެ. ލާފައި ހުރި ހަމަ އެފަދަ އަލި އަޅިކުލައެއްގެ އަބާޔާއެކެވެ. ވައިރޯޅިތަކުގެ ބާރުމިން އަންދާޒާކުރާން އެނގޭވަރަށް އޭނާ އަޅައިގެން ހުރި ޝޯލްއާއި ހެދުން ވަޔާ ވިހުރެމުން ދިޔަ އެވެ. ކުރިޔަށް ބަލަހައްޓައިގެން ހުރިއިރު އެ އަންހެންކުއްޖާއަށް ލިބިފައިވަނީ ކުޑަކުޑަ މޫނުކޮޅެކެވެ. ހުދުހުދު ދޮންކަމެއް ލިބިފައިވާ އަލި މޫނެކެވެ. ދެ ކޯތާފަތާއި ނޭފަތް މައްޗަށް ހިސާބަކަށް ރަތްކަމެއް ވެރިފައި ހުރިއިރު ހީވަނީ ފިނީގެ އަސަރުކޮށްފައި ހުރީހެންނެވެ. ދެ އަތްތިލަ އެއް އަތް އަނެއްއަތާ އުނގުޅާލާފައި ގެނެސް އަނގަޔާ ކައިރިކޮށްލިއެވެ. ދެ އަތަށް ފުމެލިއެވެ. ދެ އަތްތިލައިގެ ތެރޭ ހޫނުކަމެއް އުފައްދާލީ އެވެ. ދެން މަގުގެ ދެ ފަރާތަށް އޭނާ ބަލާލައިފިއެވެ. ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަހުގެ ދިގު ވާގަނޑުގައި ވައަތުން ހިފާލުމާއެކު ހަލުވި ހިނގުމެއްގައި މަގު ހުރަސްކޮށްލިއެވެ. އެއް ބާރުމިނެއްގައި ނުހުއްޓި ކުރިޔަށް ހިނގަމުން އައިސް ކަނާއަތަށް ޖެހުނު މަގަށް އޭނާ ނުކުތެވެ. އެމަގުގެ މެދެއްހާ ހިސާބަށް އާދެވުމުން ހުއްޓުނެވެ. ކުރިމަތިން ފެންނަން ހުރި އިމާރާތަށް ވަންނަން ހުރި ދޮރުގެ އަތްގަނޑުގައި ހިފައި އެތެރެއަށް ކޮށްޕާލިއެވެ.

* * * * *

ހުޅުމާލޭގައި ހުންނަ ހީލާސް މެޑި ކުލިނިކަކީ ބޮޑެތި ބަލިތަކަށް ފަރުވާދެމުން އަންނަ ތަނެކެވެ. އެތަނުގައި ފަރުވާދޭން ތިބެނީ ދިވެހި ޑަކްޓަރުންނެވެ. ބޮޑެތި ބަލިތަކުގައި، މާލީހާލަތު ހުރި ގޮތުން ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދެވެންނެތް ޢާއިލާތަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނޭ ފުރުޞަތު އެ ކުލިނިކުގެ ސަބަބުން ވަނީ ފަހިވެފައެވެ. އޭގެ އިތުރުން ދުނިޔޭގެ މަޝްހޫރު ހަސްޕަތާލުތަކުގައި މަސައްކަތްކުރާ ޚާއްޞަ ޑަކްޓަރުން ދޭތެރެއަކުން އެ ކުލިނިކަށް އައިސް ބަލިމީހުން ބަލަ އެވެ. ބާރަ އަހަރުގެ ތަޖުރިބާގައި ހީލާސް މެޑި ކުލިނިކުންވަނީ މީހުންގެ އިޚްތިރާމާއި އިތުބާރު ހޯދާފައެވެ. ބޮޑެތި ބަލިތަކުގައި ގިނަ ދުވަހު ފަރުވާ ހޯދަންޖެހޭ އެތައް ދިވެހީންނަކަށް ލުއި ފަސޭހަތަކެއް ހޯދާދީފަ އެވެ.

ކުލިނިކަށް އަންނަ މީހުންނަށް ފަސޭހައިން ފާހަގަވާނޭ ގޮތަށް މައިދޮރާ ދިމާ މޫނުޖެހޭހެން ރިސެޕްޝަން ފެންނަން ހުއްޓެވެ. އެތަނުގައި ތިން އަންހެން ކުދީން ޑިއުޓީގައި ތިއްބެވެ. ވައަތް ފަރާތުގައި އަށް މީހުންގެ ޖާގަ ހުރި ހަތަރު ގޮނޑިބަރި ހުއްޓެވެ. އެތަނުގައި މިހާރު ވެސް މަޑުކޮށްގެން މީހުން އެބަތިއްބެވެ. ކައުންޓަރު ދޮށުން ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ ކިއު ތަރުތީބުންނެވެ.
ދޮރުފަތުގައި ޓަކި ޖަހާލި އަޑު އިވިފައި ވާހަކައިގައި ތިބި ދެ ޑަކްޓަރުން އެ ދިމާއަށް ބަލާލީ އެއްފަހަރާއެވެ. ކުޑަކޮށް ދޮރު ހުޅުވާލައި ކޮޓަރިތެރެ ބަލާލުމަށްފަހު އެ މީހަކު އެތެރެއަށް ވަދެއްޖެއެވެ.

"ނީޝްތަ." އެތެރެއަށް ވަން އަންހެން ކުއްޖާ ފެނުމާއެކު ޒަރަކް ބުނެލީ ހިނިއައިސްފައެވެ.

"ޔޫ ގެ ޕޭޝަންޓް އެބައިން. މިހެން ދާތީ ބުނެލަން ވަނީ." ނީޝާ ވެސް ވާހަކަދެއްކީ ހިނިއައިސްފައި ހުރެއެވެ.

"ފަހެއް ޖެހީތަ؟... އަދި ތިއައީ ދޯ؟." އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ޒަރަކް އަހާލިއެވެ. އޭނާ ބަލިމީހުން ފަށަންޖެހޭ ގަޑި ނުޖެހުނެއްކަމަކު އިން ގޮނޑިން ތެދުވިއެވެ.

"އާން. ކޮންއިރަކުން ނިމެނީ." ޒަރަކްއަށް ޖަވާބުދެމުން ނީޝާ އަހާލި އެވެ.

"ދެ މީހުން ވާހަކައިގައި ތި ނައްޓާލަނީ، ޒަރަކް އެކަނިތަ ނީޝްއަށް ފެނުނީ. އަހަރެންނަށް ގޮވާނުލާނަންތަ؟. މިތާ މަވެސް އެބައިނީމޭ." ކުރީންސުރެ އެތަނުގައި ޒަރަކްއާއެކީ އިން ޑަކްޓަރ އިޖާޒު ބުނެލިއެވެ. ޒަރަކް ހިނިގަނޑެއް ޖަހާލިއެވެ. ނީޝާ ނިކަން ލޯބިން އިޖާޒަށް ގޮވާލިއެވެ. އޭރު އޭނާއަށް ވެސް ހުރެވުނީ ހިނިއައިސްފަ އެވެ.

"މި އަންނަނީ ވަރަށް އަވަހަށް." ޒަރަކް ނުކުންނަން ދަމުން އިޖާޒަށް ބުންޏެވެ. އޭނާ ބޯޖަހާލާފައި ސަމާލުވެލީ ކުރީން ވެސް ބަލަން އިން ބަލިމީހެއްގެ ރިޕޯޓުތަކަށެވެ.

ޑަކްޓަރު ޒަރަކްއަކީ ހީލާސް މެޑި ކުލިނިކްގެ ވެރިއަކަށް ހުންނަ ޒިދާންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. ޒަރަކްއާއި އިޖާޒްއަކީ އޮންކޯލޮޖިސްޓުންނެވެ. ދެ މީހުން މަސައްކަތް ކުރަނީ ކެންސަރާ ބެހޭ ޑިޕާޓްމެންޓުގައެވެ. ޑަކްޓަރ ނީޝާއަކީ އޯތޯޕެޑިކް ޑިޕާޓްމެންޓާ ހަވާލުވެ ހުންނަ އެންމެ އިސް ޑަކްޓަރެވެ. ކުލިނިކު ތެރެއިން އެ ތިން ޑަކްޓަރުން ފެންނަނީ އެކީގައެވެ. އެމީހުންގެ އެކުވެރިކަން ފެށުނީ މަސައްކަތުގެ މާޙައުލުންނެވެ. އެއިން ކޮންމެ ޑަކްޓަރަކީ އެމީހަކު ޚާއްޞަވެފައިވާ ދާއިރާގައި މަސައްކަތް ކުރާތާ އަހަރުތަކެއްވެފައިވާ ޤާބިލު ޑަކްޓަރުންނެވެ. ނީޝާ އެ ކުލިނުކާ ގުޅުނު އިރު ވެސް ޒަވާޖީ ހަޔާތެއް ފަށައިފި އެވެ. ނަމަވެސް އިޖާޒާއި ޒަރަކް ތިބީ ހުއްސަރިބަޔަށެވެ.

* * * * *

އަތުގައި އޮތް ކަރުދާހަށް ރަހާ ބަލަން ހުއްޓެވެ. ފުންނޭވާއެއް ބޭރުވެލީ ދުރުވެލި ދެ ތުންފަތުން ނުކުތް މަޑު އާހެއް ފަދައިންނެވެ. ހަރަކާތެއް ކުރާން ނޭނގިފައި ހުރި މީހަކުހެން ދުވާރުމަތީ ހުއްޓިގެން ދިހަވަރަކަށް މިނެޓު އޭނާ ހުއްޓެވެ. ހަށިގަނޑަށް ދިރުން ލިބުނު ހިނދު އަތްދަބަހުން ފޯނު ނަގަން އަވަސްވެލި އެވެ. އޭރު އޭނާގެ އަތުގައި މަޑު ތުރުތުރެއް ހުރިކަން ފާހަގަވީ ދެނެވެ. އެހެންނަމަވެސް އެކަމަށް ފަރުވާލެއް ނުދީ އަތްދަބަހުގެ ތެރެއިން އޭނާ ނެގީ ފޯނެވެ. ވަޓްސްއެޕުން އޭނާ ގުޅީ ފިރިމީހާ ވާކިފަށެވެ. ރިންގުވާއަޑު އިވެން ފެށުމުން ރަހާ ކުރިޔަށް ހިނގައިގަތެވެ. މާ ދުރަކަށް ނުދެވުނެވެ. އޭނާގެ ފިޔަވަޅު މަޑުޖެހުނީ އެވެ. ވާކިފް ކޯލު ބިޒީކޮށްލީމަ އެވެ.

"އަދިވެސް ބިޒީއީތަ؟." އަމިއްލަ ނަފްސާ ކޮށްލެވުނު ސުވާލެއް ފަދައިން ރަހާއަށް ހިތާހިތާ އަހާލެވުނެވެ. މާޔޫސްކަމުގެ އިންތިހާ ރަހާގެ މޫނުން ފާޅުވަމުންދިޔަ އެވެ. އޭނާއަށް އަނެއްކާ ވެސް ބަލާލެވުނީ ކަނާއަތުގައި އޮތް ކަރުދާހަށެވެ. ދެ ބުމަ ކައިރިކޮށްލެވުމާއެކު ރަހާއަށް ދެ ތުންފަތް ފިއްތާލެވިއްޖެ އެވެ. ފެންކަޅިވާން ފެށުމުން އޭނާ ހިންދިރުވާލީ ކަރުނަތައް ވެސް ދިރުވައިލާން ބޭނުންވީ ފަދައިންނެވެ. ދެން ނިކަން އަވަހަށް އަތުގައި އޮތް ކަރުދާސް ބޮނޑިބޮނޑިކޮށްލައިފި އެވެ. ފޫހިކަމާއެކު އެ ކަރުދާސްގަނޑު އޭނާ އެއްލާލީ ދުވާރުގެ އެއްފަރާތުގައި ހައްދާފައި ހުރި ގަސްތަކެއްގެ ތެރެއަށެވެ. ދެން އޭނާ މަޑުކުރުމެއްނެތި ހިނގައިގަތީ އެވެ.

ބަސްހުއްޓި ކައިރިއަށް މަޑުކުރި ބަހަށް ރަހާ އެރި އެވެ. ވަރުބަލިކަމެއްގެ އަސަރު އޭނާގެ ފުށުން ފާޅުވެ އެވެ. ބަހުގެ މެދެއްހާ ހިސާބުން ކަނާފަތް ފަރާތުން ގޮނޑިއެއްގައި އޭނާ އިށީނެވެ. އަތްދަބަސް އުނގަށް ހެޔޮވަރުކޮށްލިއިރު ވައަތްތިލަ ތެރޭ ފޯނު އޮތެވެ. ބަހުގެ ކުޑަދޮރުތަކުން ރަހާ ބޭރު ބަލާލި އެވެ. ބޯކަޅު ވިލާތަކުން އުދަރެސް އޮތީ ބައްދާލައިފަ އެވެ. އިރުއޮއްސުމާ ކައިރިވެފައިވިއެއް ކަމަކު މިއަދު އެކަމުގެ ލިސާނެއް ވެސް އުޑުމަތިން ފާޅުނުވެ އެވެ. ބަސް ދުއްވާލުމުން ރަހާގެ ސަމާލުކަން އަނެއްކާ ވެސް ދެވުނީ އަތުގައި އޮތް ފޯނަށެވެ. ވާރޭ ތިކީގެ ފުރަތަމަ ހަމަލާ ބަހުގެ ކުޑަދޮރުތަކާ އަމާޒުވެލީ ވެސް އެހިނދު އެވެ. ދުނިޔެމައްޗަށް ވެރިވެފައި އޮތް ބަނަކަމާއި އަނދިރިކަން ރަހާއަށް ސިފަކުރެވުނީ އޭނާގެ އަމިއްލަ ދިރިއުޅުން ފަދައިންނެވެ. ވާކިފްއަށް އަނެއްކާ ވެސް ރަހާ ގުޅާލި އެވެ. ފިރިމީހާގެ އަޑު ކަންފަތުގައި ޖެހުމާއެކު ރަހާގެ ދެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަ އޭގެ މަޤާމުން ދޫވެއްޖެ އެވެ. ދެ ކޯތާފަތް ތެމެމުގެ ކުރީން ރަހާ އަވަސްއަވަހަށް ކަނާއަތުގެ ނުފުށުން ލޯ ކައިރި ފުހެންފެށި އެވެ.

"ކިހިނެއްވީ؟." ވާކިފް އަހާލި އެވެ. އެ އަޑުގައި ގާތްކަމެއްނެތްކަން ރަހާގެ ހިތް ވެސް ދެނެގަތެވެ.

"ވަރަށް ވިއްސާރަ... ގެއަށް އަންނަނީ ކޮންއިރަކުންތޯ ބަލާލަން." ރަހާ ބުންޏެވެ. އޭނާގެ ދުލުން އެ ނުކުތީ މަދު ބަސްކޮޅެކެވެ. އެ ހިތުގައި އެތައް ވާހަކަތަކެއް ފޮރުވިފައި އެބަހުއްޓެވެ.

"އަދި ނޭނގެ ދެވޭނެ އިރެއް. އެއްޗެއް ބޭނުންވީތަ؟." ވާކިފް އަނެއްކާ ވެސް ސުވާލުކުރި އެވެ.

"ކާގަޑިއަށް މިރޭ އާދެވޭނެތަ؟. ދެ މީހުން އެއްކޮށް ޑިނާ ނުކުރާތާ ވަރަށް ދުވަސްވެއްޖެއެއްނު. ވާކިފް ބިޒީކަމުން ގޭގައި މަޑުކޮށްލާނޭ ޓައިމެއް ނުލިބޭ." ރަހާއަށް ބުނެވުނެވެ.

"މިހާރު ތީ ކޮންވާހަކައެއް." ވާކިފްގެ ރާގަށް ބަދަލު އައެވެ.

"މިރޭ ތަންކޮޅެއް އަވަހަށް އާދެވޭނެތޯ ބަލާލަން ގުޅީ. ވިއްސާރަ ރެއެއްގައި ހޫނު ކުޅިއެއްޗެއް ކާލަންކަމަށް. ވާކިފް އަންނަންވާއިރަށް ތައްޔާރުކޮށްލަން ކަމަށް." ކުޑަދޮރުން ބޭރު ބަލަން އިނދެ ރަހާ ބުންޏެވެ.

"އަހަރެން ބޭނުމެއްނޫން. ރަހާ އެކަނި ކާން އެއްޗެއް ހަދާނެކަމެއްނެތް. ބޭނުންވާ އެއްޗަކަށް އޯޑަރުކޮށްލާ. އަހަރެންނަށް ދެވޭނެ އިރެއް ނޭނގޭ... މިވަގުތު ބިޒީކޮށް މިއުޅެނީ." ވާކިފް މިހެން ބުނެލާފައި ކޯލު ކަނޑާލީ އެވެ.

ކަންފަތާއި ފޯނު ދުރުކޮށްލިއިރު ރަހާގެ ކޯތާފަތުން ލާފައި ތިރިއަށް ދެމިގަތް ކަރުނަތިކި ދަތްދޮޅި ކައިރިން އޭނާގެ އުނގަށް ވެއްޓި ހެދުމުގެ ތެރެއަށް އޮބިއްޖެ އެވެ. ލޯ ކައިރި ރަހާ ފުހެލާފައި ފޯނު އަތްދަބަހަށް ލިއެވެ. ދަތުރުގެ ބާކީބައިގައި އޭނާ އިނީ އިސްއޮބާލައިގެންނެވެ. ޚިޔާލުތަކުގައި ޖެހި ފުން ވިސްނުމަކަށް ގެއްލިފައި އިންހެންނެވެ.

"ވާކިފް ހިތްހަމަޖެހޭ، އުފާވާ އެއްވެސް ކަމަކަށް އަހަރެން ހުރަހެއްނާޅަން. ވާކިފް ކުރާހިތްވާކަމެއް ކުރަންވީ... އެކަމަކު... އަހަރެންނަށް ދޭންޖެހޭ ވަގުތު ނުދެނީ ކީއްވެ؟. ގޭގައި މަޑުކުރަން ފޫހިވަނީތަ؟." ރަހާގެ ހިތުގައިވީ ޝަކުވާގެ އަޑު އިވެމުންދިޔައީ އޭނާގެ ދެ ކަންފަތަށް އެކަންޏެވެ.

"މިއަދަކީ ކޮންދުވަހެއްކަން ވާކިފް ހަނދާން އެބަހުރިބާ؟. އަހަރެންނަށް ހިޔެއްނުވޭ އަންނަ އަހަރުގެ މި ދުވަހު ވާކިފްއާއެކު އެއްވެސް ކަމެއް ކުރާން އަހަރެން ހުންނާނެހެން." ފޭދުނު ކަރުނަތައް ފުހެމުންދިޔައިރު ރަހާގެ ހިތުގައި ރިހެމުންދިޔަ އެވެ.

ބަހުން ފައިބައިގެން އައިސް ރަހާ ގެއަށް ވަނެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ އެ ގެއަކީ ރަހާއާއި ވާކިފްގެ މަސައްކަތުން ހުޅުމާލޭން ގަނެފައިވާ ބިމެކެވެ. ހަތަރު ބުރިއަށް ނަގާފައިވާ އެ ގޭގެ އެންމެ މަތީގައި ދިރިއުޅެނީ ރަހާގެ ދެމަފިރިންނެވެ. ދެންހުރި ފަންގިފިލާތައް ހުންނަނީ ކުއްޔަށް ދީފަ އެވެ. ސިޑިން އަރައިގެން އައިސް އެޕާޓްމެންޓަށް ރަހާ ވަން ހިނދު އޭނާއަށް މަރުޙަބާ ކީ އަނދިރިކަމާއި ފަޅުކަމެވެ. މަޑު ހިނގުމެއްގައި އައިސް ސިޓިންރޫމު ފާރުގައި ހުރި ސުވިޗު އޭނާ ޖެއްސި އެވެ. އެއާއެކު ހުދު އަލިން މުޅިތަން އަލިވެއްޖެ އެވެ. ރަހާ ދެން އައިސް ވަނީ ނިދާ ކޮޓަރިއަށެވެ. ވާރޭގެ ސަބަބުން ހިސާބަކަށް ތެމިފައި ހުރުމުން އޭނާ ހެދުން ބަދަލުކޮށްލީ އެވެ.

ގޭތެރެއަށް ވެރިވެފައި އޮންނަ ހިމޭންކަމާއި ފަޅުކަން އަބަދުވެސް ރަހާއަށް އުނދަގޫ ކުރެ އެވެ. ސިޓިންރޫމަށް ނުކުތް ގޮތަށް ރަހާ ޓީވީ ހުޅުވާލީ އެހެންވެ އެވެ. އެކަނިވެރިކަން ކުޑަވޭތޯ އެވެ. ބަނޑުން ގުޑުގުޑުގެ އަޑު އިވިލ އެވެ. މެންދުރު ވެސް އެއްޗެއް ނުކައި ހުރީތީ ރަހާއަށް ބަނޑުހައިކަން އިޙްސާސް ކުރެވެން ފެށީ ނުހަނު ބޮޑަށެވެ. ބަދިގެއަށް ރަހާ ވަދެގެން އައިސް ފެންކައްކާ ޖަގަށް ފެންއަޅައި ޖައްސާލީ ސައިތަށްޓެއް ހެދުމުގެ ވިސްނުމުގަ އެވެ. ފެން ޖަގު ކެކުމާއެކު ރަހާ ސައިތަށި ހަދާލުމާއެކު ނެގީ ކަބަޑުގެ ތެރޭގައި ހުރި ބިސްކޯދު ދަޅެވެ. އެ ހިފައިގެން އައިސް ކާމޭޒު ދޮށުގައި އޭނާ އިށީނެވެ. ހޫނުކަމުން ސައިތަށި އަދި ނުބޮވޭނެކަން އެނގޭތީ އޭނާ ހުޅުވާލީ ބިސްކޯދު ދަޅެވެ. އޭގައި ހުރީ "ކްރީމް ކޭކަރު" ބިސްކޯދެވެ. ދެ ފަޅިކޮށްލުމާއެކު ބިސްކޯދުގެ އެއްފަޅި ސައިތަށީގައި ރަހާ ޖައްސާލީ ކިރިޔާ ފޯވާ ވަރަށެވެ. ދެން އޭނާ އެ ބިސްކޯދުކޮޅުން ފޯވި ހިސާބު ކާލައިފި އެވެ. އެއާއެކު އަނެއްކާ ވެސް ރަހާގެ ދެ ލޯ ފުރިއްޖެ އެވެ. އިޙްސާސްތައް ނުހިފެއްޓުނު ފަދައަކުން ރަހާގެ އަނގައިން ގިސްގެ އަޑު ބޭރުވެލީ ކުއްލިއަކަށެވެ.

މާޒީގެ އެ ދުވަސްތަކުގެ ތެރެއަށް ރަހާގެ ޚިޔާލުތައް އޭނާ ގެންދިޔައީ އެވެ. ހިތުގައި ޖެހިފައި އިނދެ ރަހާ ރޮމުން ދިޔައިރު އޭނާއަށް ސިފަވަމުން ދިޔައީ ވާކިފްއާއެކު ކައިވެނީގެ ކުރީކޮޅު ހޭދަކުރި ގޮތެވެ. މިއަދު އެ ދެމަފިރިންނަށް ތަނަވަސްކަން ލިބިފައިވިޔަސް އެ ދެ މީހުން ވަނީ ދަތި އުނދަގޫ ދުވަސްތަކެއް ކަޑަތުކޮށްފަ އެވެ. އޭރު އެމީހުންގެ އާންމު ކެއުމަކަށް އެ ބިސްކޯދުވި އެވެ. ދެ ޒުވާނުން އައިސްފައިވަނީ ރާއްޖޭގެ މެދުފަންތީގެ ނިކަން އާދައިގެ ޢާއިލާއަކުންނެވެ. އަތޮޅުތެރެއަށް ދެ މީހުން ވެސް ނިސްބަތްވާއިރު ދިރިއުޅުން ފެށިފައި އޮތީ މައި ރަށް މާލޭގަ އެވެ.

"ކީއްވެ އަހަރެންނަށް އިތުރަށް ތިދެނީ. ރަހާ ވެސް ބަނޑުހައިވެގެން އުޅުނީ." ވާކިފް ޝަކުވާކޮށްލި އެވެ. ރަހާ މަދުން ނަގާފައި އިތުރަށް ބިސްކޯދެއް ވާކިފަށް ލައިދިނުމަކީ އާދައެކެވެ.

"މީ އަހަރެންގެ ލޯބި. އަހަރެންގެ ނަސީބުން ވާކިފަށްވީ ބައި." ނިކަން ހިނިއައިސްފައި ރަހާ އަބަދުވެސް ބުނެ އެވެ.

މާޒީގެ އެ ޚިޔާލުން ރަހާގެ ރުއިން ގަދަވި އެވެ. އޭރު އެ ދެމެދުގައި އޮތް ލޯބި މިހާރު އިޙްސާސް ނުކުރެވެންވީ ކީއްވެބާއޭ ރަހާގެ އަމިއްލަ ހިތާ ސުވާލު ކުރެވެ އެވެ. އަތްމަތި ތަނަވަސްވުމުން ދިރިއުޅުން ތަރައްޤީވެއްޖެ އެވެ. އެހެންނަމަވެސް ހަޔާތަށް ލިބެންޖެހޭ ހިތްހަމަޖެހުން އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފަނޑުވަމުންނެވެ.

"އަހަރެންގެ ނަސީބުން ވާކިފަށް ދީ ދީ މިއަދު އަހަރެންގެ އަތުގައި ދޭނޭ އެއްޗެއް ނެތުނީތަ؟. އަހަރެންގެ އަމިއްލަ ނަފްސަށް ޓަކައި އެއްވެސް ކަމަކަށް ނޭދެން. އެކަމަކު ވާކިފަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް އަހަރެން އެދުނިން. އަހަރެންގެ ނަސީބު ހުސްވީތަ؟. އަހަރެންގެ ނިމުން އަންނަނީތަ؟." މޫނުގައި ދެ އަތް އަޅާލައިގެން އިނދެ ރަހާއަށް ބުނެވުނެވެ.

(ނުނިމޭ)