އެފްއޭ ކަޕް

ލިވަޕޫލް، ޗެލްސީ އަދި ޓޮޓެންހަމްވެސް އެފްއޭ ކަޕުން ކަޓައިފި

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި އެންމެ ބޮޑު ސަޕްރައިޒެއް ދިނީ ޗެމްޕިއަންޝިޕްގައި ކުޅޭ ޓީމެއް ކަމަށްވާ ޕްލައިމައުތު އިންނެވެ.

ޕްރިމިއަ ލީގުގެ އެއްވަނައިގައި އޮތް ވަރުގަދަ ލިވަޕޫލް، ޕްލައިމައުތް އަތުން 1-0 އިން ބަލިވެ އެ ޓީމު ވަނީ އެ މުބާރާތުން ބޭރުވެފަ އެވެ. މިއީ މި އަހަރުގެ އެފްއޭ ކަޕްގައި މިހާތަނަށް ފެނުނު އެންމެ ހައިރާން ކުރުވަނިވި ނަތީޖާ އެވެ.

ހަމައެހެންމެ، ޗެލްސީ ވެސް ވަނީ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެ މުބާރާތުން ކަޓާފަ އެވެ. އަދި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމް ހޮޓްސްޕާވެސް އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވެ މުބާރާތުން ބޭރުވެފަ އެވެ.

މިއީ ޓޮޓެންހަމް އަށް ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ދިމާވި ދެވަނަ ބޮޑު ނާކާމިޔާބީ އެވެ. އޭގެ ކުރިން ކަރަބާއޯ ކަޕްގެ ސެމީ ފައިނަލްގައި ލިވަޕޫލް އަތުން ބަލިވެ އެ މުބާރާތުން ވެސް ބޭރުވި އެވެ.

ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޓޮޓެންހަމް މިވަގުތު ޕްރިމިއަ ލީގުގެ 14 ވަނަ ގައި އޮތުމާއެކު، ކޯޗަށް ގިނަ ބަޔަކު ވަނީ ފާޑުކިޔަން ފަށާފަ އެވެ.

މެންޗެސްޓަ ސިޓީ ވަނީ ލޭޓަން އޮރިއެންޓާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗުން 2-1 އިން ކާމިޔާބު ހޯދައި، މުބާރާތުގައި ކުރިއަށް ދެވޭނެ މަގުފަހިކޮށްފަ އެވެ.