ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވާކަން އިއުލާނު ކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި އަބްދުއްރަހީމް ވަނީ ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވާތީ އެކަން މެންބަރުންގެ މައުލޫމާތަށް ދަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
އެހެން ވިދާޅުވެ، މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމްއާ ރިޔާސަތު ހަވާލުކުރައްވައި އަބްދުއްރަހީމް މަޖިލީހުން ބޭރަށް ވަޑައިގެންނެވި އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާ އަބްދުއްރަހީމް ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވާ ކަމަށް ހާމަކުރައްވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޕަބިތުރާ މާގެރިޓާ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވަނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
އަބްދުއްރަހީމްގެ މިދަތުރަކީ އިންޑިއާ އިން އަވަށްޓެރި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ އެކު ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ކުރައްވާ ދަތުރެކެވެ.