ރޯދަ އިނާޔަތް

ރޯދަ އިނާޔަތް މިމަހު 20ގެ ކުރިން ދޭން އަންގައިފި

ކުރިއަށް އޮތް ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދިނުމަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދޭން ނިންމާފައިވާތީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ޕަބްލިކް އެކައުންޓް ސިސްޓަމަށް އަޕްލޯޑް ކުރަންޖެހޭ ކަމަށެވެ.

ފިނޭންސްގެ ސާކިއުލާގައި ބުނެފައިވަނީ ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނީ އެ މީހެއްގެ އަސާސީ ވަަޒީފާ އޮންނަ އޮފީހުން ކަމަށެވެ. އަދި ރޯދަމަސް ފެށޭއިރު ޕޭ ލީވް އާއި ނޯޕޭ ލީވްގައި ތިބި މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭން އަންގާފައިވެ އެވެ.

ނަމަވެސަް އެފަދަ މުވައްޒަފުން ރޯދަ މަހު ވަޒީފާއަށް ނިކުމެއްޖެނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ އިނާޔަތް ހިސާބު ހެދުމަށްފަހު ބާކީވާ މުއްދަތަށް އިނާޔަތް ދޭން ސާކިއުލާގައި އަންގާފައިވެ އެވެ.

ދައުލަތުގެ މުވައްޒަފުންނާއި އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މުސްލިމު މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ރޯދަ މަސް ފެށުމުގެ ކުރިން ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ.