އަހުމަދު އުޝާމް

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުވައްޒަފުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން އަންގާފައިވާތީ ސަރުކާރުން އެންމެ ފަހުން ގޮތް ދޫކޮށް އެ މައުލޫމާތު ހާމަކުރަން ނިންމައިފި އެވެ.

ސަރުކާރުން ގޮތް ދޫކޮށްފައި މިވަނީ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އައިކޮމް އިން އެންގުމުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށްފަހު އެވެ.

ބަންޑާރަނައިބް އަހްމަދު އުޝާމު އެކްސްގައި ކުރެއްވި މިމައްސަލާގައި ދައުލަތުގެ ފަރާތުން މިމަހުގެ ދެވަނަ ދުވަހު ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް އަނބުރާ ނެގުމަށް އެ އޮފީހުން ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ ކަމުގައިވެސް އުޝާމު ވިދާޅުވި އެވެ.

އައިކޮމް އިން މައުލޫމާތު ދޭން އެދުނީ ސަރުކާރުން ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން ސިޔާސީ މަގާމުތަކުން ވަކިކުރި ކަމަށް ބުނާ 228 ބޭފުޅެއްގެ މައުލޫމާތެވެ.

ސަރުކާރުން މިހާތަނަށްވެސް ވަކިކުރި މުވައްޒަފުންގެ ނަންތައް ހާމައެއް ނުކުރެ އެވެ. އެކަމަކު ރައީސް މުއިއްޒު ވަނީ ސަރުކާރުން ވަކިކުރަން ނިންމި ކަމަށް ބުނި 228 ބޭފުޅުން ތިއްބެވި މަގާމުތަކުގެ ތަފްސީލްތަކެއް ހިއްސާކުރައްވާފަ އެވެ.

ރައީސް އޭރު ވިދާޅުވީ ހަތް ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން ވަކިކުރަން ނިންމި ކަމަށެވެ.