އެމެރިކާގެ ބާރުގެ ދަށަށް ޣައްޒާ ގެންދަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވާތީ އެއީ ކޮން ވިސްނުމެއްގައި އޭނާ ވިދާޅުވި ވިދާޅުމުެއްތޯ ސާފުކުރާނެ ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންއިން ބުނެފި އެވެ.
އިޒުރޭލުން އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ޣައްޒާއަށް ދިން އަނިޔާވެރި ހަމަލާތައް ހުއްޓާލުމަށް ފަހު ހަމާސްއާ އެކު ވަނީ ސުލްހައިގެ އެއްބަސްވުންތަކެއް ގާއިމުކޮށްފަ އެވެ.
މި އެއްބަސްވުން ގާއިމުކުރުމާ ގުޅިގެން -- ހަނގުރާމައިގެ ސަބަބުން ޣައްޒާއިން ފައިބައިގެން ދިޔަ އާންމުންގެ ގިނަ ބަޔަކު މިހާރު ވަނީ ޣައްޒާއަށް އަބުރާ ގޮސްފަ އެވެ.
ނަމަވެސް، ޣައްޒާ އަކީ ހަނގުރާމައިގެ ސަބަބުން ފަނާވެފައި އޮތް ތަނެއް ކަމަށް ވިދާޅުވެ ފަލަސްތީން މީހުން އެ ސިޓީއަށް ނުވަނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގޮވާލައްވާފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން ޣާއްޒާ ދެން އޮންނާނީ އެމެރިކާގެ ބާރުގެ ދަށުގަ އެވެ. ޣައްޒާ ބިނާކުރުމާއި މުސްތަގުބަލު އޮތް ގޮތް ކަނޑައަޅާނީ އެމެރިކާއިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާ އަކީ ފަލަސްތީން މީހުންގެ އެއްވެސް ހައްގެއް އޮތް ބިމެއް ނޫން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ރަޝިއާ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޓްރަމްޕްގެ ވާހަކަތަކުގައި އަދި ސާފުނުވާ އެތައް ކަމެއް ހުރި ކަމަށެވެ.
ޣައްޒާއާ މެދު އެމެރިކާއިން ރޭވުންތަކެއް ރާވާ ކަމަށް ވެސް ޕެސްކޯފް ވިދާޅުވި އެވެ. މި ދަނޑިވަޅުގައި އެމެރިކާއަށް ޖަވާބުދިނުމަށް ވުރެ އަދި ހިމޭނުން އޮތުން ބުއްދިވެރި ކަމަށް ފެންނަ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
ފަލަސްތީނަށް ތައުލަތެއްގެ ހައްގު ލިބުމަށް ރަޝިއާ ވަކާލާތުކުރާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އެއީ އދގައި ރަޝިއާ އެއްބަސްވެފައި އޮތް ގޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާ އަކީ 1.2 މިލިއަން މީހުންގެ އާބާދީއަކަށް ވާތީ އެއީ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ މައުލޫއެއް ކަމަށް ޕެސްކޯފް ވިދާޅުވި އެވެ.
ޣައްޒާއާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ދުނިޔޭގެ ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެމެރިކާގެ ބާރު ހިނގާ ތަނަކަށް ޣައްޒާ ބަދަލުކުރުމާ ބެހޭ ގޮތުން ދެކެވޭ އެއްވެސް ވާހަކައަކަށް ތައީދު ނުކުރާނެ ކަމަށް ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަން، އިނގިރޭސިވިލާތް އަދި ގަލްފުގެ އަރަބި ގައުމުތަކުން ވަނީ ބުނެފަ އެވެ.