އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަންދުކޮށްފައިވާ ސަރަހައްދަށް ނުވަންނަން އަންގައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަންދުކޮށްފައިވާ ސަރަހައްދަށް ނުވަންނަން އަންގައިފި އެވެ.

އެޗްޑީސީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު މޫދާ ކައިރިން ފެންސު ޖަހާފައިވާ ސަރަހައްދަކީ ޗެނަލް 2 ޕްރޮޖެކްޓުގެ މަސައްކަތްތަކެއް ހިނގަމުންދާ ސަރަހައްދެއް ކަމަށެވެ. އެތަނުގައި ގިނަ އަދަދެއްގެ ހެވީ ވެހިކަލް ބޭނުންކުރާ ކަމަށްވެސް ބުންޏެވެ.

"އެހެންކަމުން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިސަރަހައްދަށް ވަނުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އަންގާ އިއުލާން ކުރަމެވެ،" އިއުލާންގައިވެ އެވެ.

އެޗްޑީސީ އިން ބުނީ އެ ސަރަހައްދުގެ ޗެނަލް ކޮނުމުގެ މަސައްކަތާއި އަސޭރިއާ ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުގެ އިތުރުން އެހެން ބޭނުންތަކަށް އެ ސަރަހައްދަށް ވަންނަން ޖެހޭނަމަ އެ ކުންފުނީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު، ހުއްދައިގައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށެވެ.

ހުއްދަ ލިބިގެން ވަންނަ މީހުން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް އެޗްޑީސީގެ އިއުލާންގައިވެ އެވެ.