އަހުމަދު ޝިޔާމް

ބޮޑު ކަންނެލި ޕެކިން ފެސިލިޓީގެ މަސައްކަތް މި އަހަރު ފެށޭނެ: ޝިޔާމް

ބޮޑު ކަންނެލި މަސްވެރިންނަށް ހުޅުމާލޭގައި ގާއިމުކުރާ ކަންނެލި ޕެކިން ފެސިލިޓީގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރީގައި ބޮޑު ކަންނެލީގެ މަސްވެރިންނަށް ހައްލު ހޯދައިދިނުމަށް ހުރިހާ ސަރުކާރަކުން މަސައްކަތްކުރި ނަމަވެސް ކަނޑުއޮތްގިރި ބަނދަރަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ މަސް ކިރުމަށްޓަކައި ހުޅުމާލެ ބަނދަރު ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

"ހުޅުމާލެ ބަނދަރުގައި އެންމެ މަގަތުން އެ އޮތީ 25،000 އަކަފޫޓުގެ ޖާގައެއް ބޮޑު ކަންނެލި މަސްވެރިންނަށް މަސް ޕެކް ކުރުމަށްޓަކައި ކަނޑައެޅިފަ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ އައިއެސްޑީބީ މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއަށް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި އިއުލާނު ކުރެވޭނެ ކަމަށެވެ.

"(މަޝްރޫއުގެ) މަސައްކަތް އަޅުގަނޑުމެން މި އަންދާޒާ މި ކުރަނީ މި އަހަރުގެ މެދުތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށް. މިއީ އެހާ ބޮޑު ފެސިލިޓީއަކަށް ނުވާތީ އަންދާޒާ މިކުރަނީ މި އަންނަ އަހަރުގެ މެދުތެރެއަށް މި މަސައްކަތް އަޅުގަނޑުމެންނަށް ނިންމާލެވޭނެ ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މި ފެސިލީޓާއެކު ކުދި ވިޔަފާރިތަކަށް ކޯ-ޕެކް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެއާއެކު ބޭނުންވާ އަގެއްގައި ބޮޑު ކަންނެލި މަސްވެރިންގެ އަތުން މަސް ގަނެވޭނެ ކަމަށެވެ.