މީރާ

ޖެނުއަރީ މަހު މީރާއަށް 3.3 ބިލިއަން ރުފިޔާ

ފާއިތުވި ޖެނުއަރީ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 3.3 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.

މި އަދަދަކީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 7.7 ޕަސެންޓް ދަށް އަދަދެއް ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ ފަސް ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.

މީރާ އިން ބުނި ގޮތުގައި ޖެނުއަރީ 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރުގެ ޖެނުއަރީގައި ލިބުނު އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްސް އަދި ކުންފުނިތަކާއި ފަރުދުން – ނޫން އެހެން ފަރާތްތަކުން ނަގާ އާމްދަނީ ޓެކުހުން ލިބިފައިވާ އާމްދަނީ މަދުވުމެވެ.

މީގެ އިތުރުން، ކުންފުނިަތަކާއި ފަރުދުން – ނޫން އެހެން ފަރާތްތަކުގެ އާމްދަނީ ޓެކްސް ނެގުމުގެ ފުރަތަމަ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، ފެބުރުވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވުމަކީ އާމްދަނީ ދަށްވެފައިވާ ސަބަބެއް ކަމުގައި މީރާއިން ވަނީ ބުނެފަ އެވެ.

އަންދާޒާކުރި ވަރަށްވުރެ ފާއިތުވި ޖެނުއަރީ މަހު އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިންގެ އަދަދު އިތުރުވެ ފަތުރުވެރިކަމާ ގުޅުންހުރި އާމްދަނީ އިތުރުވުން މީރާ އިން ވަނީ ފާހަގަކޮށްފަ އެވެ.

ފާއިތުވި ޖެނުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. މީރާއަށް ބަލައިގަތް ޖުމްލަ އާމްދަނީގެ 47.7 ޕަސެންޓް ނުވަތަ 1.59 ބިލިއަން ރުފިޔާއަކީ ޖީއެސްޓީ އެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 35.8 ޕަސެންޓް ނުވަތަ 1.19 ބިލިއަން ރުފިޔާ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 115.39 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 113.49 މިލިއަން ރުފިޔާ ލިބުނެވެ.

މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 108.26 މިލިއަން ރުފިޔާ އަދި ޓޫރިޒްމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 125.49 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.