ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމުގައި އައިއެމްއެފްއިން ވަނީ ދަރަންޏާއި ހަރަދުތަކުގެ ކަންބޮޑުވުންފާޅުކޮށް ކަންކަން ރަނގަޅުކުރަން ވަގުތު ނެތް ކަމަށް ބުނެފަ އެވެ.
އެ ގޮތުން ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސަބްސިޑީގެ ނިޒާމު ޑައިރެކްޓް ސަބްސިޑީގެ ނިޒާމަކަށް ބަދަލުކުރަން ހިމަނާފައިވާއިރު އެ ގޮތަށް އެކަން ބަދަލުކުރަންޖެހޭ ކަމަށް އައިއެމްއެފް ވަފުދުގައި އިސްކޮށް ހުންނެވި ޕިޔަޕޯން ނިކީ ސޮދްސިރީވްބޯން ވިދާޅުވި އެވެ.
އެއާއެކު އާސަންދަ ނިޒާމު ރިފޯމްކުރުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ސަބަބުން މާލީ ގޮންޖެހުންތައް ކުރިމަތިވާކަން އައިއެމްއެފް އިން ފާހަގަކުރި އެވެ. އެ ގޮތުން އިސްކަންދޭނެ މަޝްރޫއުތަކެއް ކަނޑައެޅުމަށާއި ބައެއް މަޝްރޫއުތައް ހުއްޓާލަން ނޫނީ ކުޑަކުރަންޖެހޭ ކަމަށް އައިއެމްއެފް އން ވަނީ ބުނެފަ އެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން އައިއެމްއެފް އިން ލަފާ ދީފައިވާއިރު ރާއްޖޭގެ އިގުތިސާދު މި އަހަރު ފަސް ޕަސެންޓް ކުރި އަރާނެ ކަމަށް އައިއެމްއެފް އިން ވަނީ އަންދާޒާކޮށްފަ އެވެ.