ޑޮނަލްޑް ޓްރަމްޕް

އައިސީސީގައި ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޣައްޒާގެ ރައްޔިތުން ބޭރުކުރުމުގެ ޕްލޭނަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކުރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓު -- އައިސީސީއަށް މައްސަލައެއް ހުށަހެޅުމަށް ގާނޫނީ މާހިރުންތަކެއް މަސައްކަތް ފަށައިފި އެވެ.

ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމަކީ އެންމެ ރަނގަޅު ހައްލު ކަމަށެވެ. އެމެރިކާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެކަން ކުރެވިދާނެ ގޮތްތަކެއްވެސް އޭނާ މިހާރު ހުށަހަޅުއްވާފައިވެ އެވެ.

ހިއުމަން ރައިޓްސް ވޮޗް އާއި އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނާ ގޮތުގައި ޓްރަމްޕްގެ މި ޕްލޭނަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ތަންފީޒު ކުރުމުގެ ރޭވުމެކެވެ. މިފަދަ ޕްލޭނެއް ހުށަހެޅުމަކީވެސް ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ކުށެއް ކަމަށް އެ ޖަމިއްޔާތަކުން ބުނެ އެވެ.

ބައިނަލްއަގްވާމީ ޤާނޫނީ މާހިރުން ބުނާ ގޮތުގައި މިފަދަ ޕްލޭނެއް ޕްރޮމޯޓް ކުރުމަކީ ހަނގުރާމައިގެ ޖަރީމާ ހިންގުމަށް ހިތްވަރުދިނުމުގެ އަމަލެކެވެ. އަދި މިއީ އަދާލަތަށް ހުރަސްއެޅުމުގެ އަމަލެއް ކަމަށްވެސް ބުންޏެވެ.

ޓްރަމްޕްގެ މި ޕްލޭނާ ގުޅޭ ގޮތުން އައިސީސީއަށް ދައުވާ ހުށަހެޅުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނީ ވަކީލުން މިހާރު މަޝްވަރާ ކުރަމުންދާކަން ހަބަރުތައް ބުނެ އެވެ. އެހެންނަމަވެސް މިފަދަ ދައުވާއެއް މިވަގުތު އުފުލުމަކީ ފަސޭހަކަމަކަށް ނުވިޔަސް، ޓްރަމްޕްގެ ރިޔާސީ ދައުރު ނިމުމުން މިފަދަ ދައުވާއެއް އުފުލުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ގާނޫނީ މާހިރުން ބުނެ އެވެެ.

މި މައްސަލައާ ގުޅިގެން ޓްރަމްޕްގެ އަރިސް ބޭފުޅުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް މި މައްސަލައަކީ އެމެރިކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މުހިއްމު މައުޟޫއަކަށް ވެގެންދާނެ ކަމަށް ސިޔާސީ މާހިރުން ބުނެ އެވެ.