ދުނިޔެ

ޣައްޒާއިން ބޭރުކުރާ ފަލަސްތީން މީހުންނަށް ހޭދަނުކުރެވޭނެ ކަމަށް އުރުދުންއިން ބުނެފި

ޣައްޒާއިން ބޭރުކުރާ ފަލަސްތީން މީހުންނަށް އުރުދުންއިން ޖާގަދިނުމަކީ ކުރެވެން ނެތް ކަމެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖައުފަަރު ހަސަން ވިދާޅުވެއްޖެ އެވެ. އަދި އަމުދުން އެ މީހުންނަށް ހޭދަކުރެވޭހާ ފެންވަރު އުރުދުންގައި ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އުރުދުންގެ ގާނޫންހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ޖައުފަރު ހަސަން ވިދާޅުވީ އުރުދުންގެ މާލިއްޔަތުގައި މިލިއަން މީހުންނަށް ހޭދަކުރެވޭހާ ތަނަވަސްކަން ނެތް ކަމަށެވެ.

ފަލަސްތީންގެ މައްސަލަތައް ހައްލުކުރަން ޖެހޭނީ ފަލަސްތީންގައި ކަމަށްވެސް ޖައުފަރު ހަސަން ވިދާޅުވި އެވެ. ހަމަނުޖެހުމެއް ހިނގާ ކޮންމެ ފަހަރަކު ޣައްޒާއިން އާންމު ރައްޔިތުން ބޭރުކުރުމަކީ މާނައެއް ދޭހަވާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި، އުރުދުންގެ އަބްދުﷲ ރަސްގެފާނާ ބައްދަލުކުރައްވައި އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ވަނީ އެމެރިކާގެ ބާރުގެ ދަށަށް ޣައްޒާ ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ޣައްޒާ ރައްޔިތުން އެ މީހުންގެ އަމިއްލަ ބިމުން ބާލައި އުރުދުން އާއި މިސްރުގައި އާބަދުކުރަން ބާރުއަޅުއްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޣައްޒާ ބިނާކުރާނީ ފަލަސްތީންގެ އެއްވެސް ބައެއްގެ އެހީއާ ނުލައި ކަމަށާއި އަދި އެއަށް ފަހު ފަލަސްތީންގެ އެއްވެސް މީހަކަށް ޣައްޒާއަށް ނޭރޭނެ ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވި އެވެ.

ޣައްޒާ އަލުން ބިނާކޮށް ނިމޭއިރު ހުންނާނީ މަޝްހޫރު ހޮޓާތަކާއި އޮފީސް އިމާރާތްތައް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެއީ ދިރިއުޅުމަށް ވުރެ ވިޔަފާރިއަށް މަރުކާކުރެވޭނެ ސަރަހައްދެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އުރުދުންގެ އަބްދުﷲ ރަސްގެފާން ވަނީ ޓްރަމްޕް ހުށަހެޅުއްވި ރޭވުމަށް ނޫނެކޭ ވިދާޅުވެފަ އެެވެ. ޓްރަމްޕްގެ ވިސްނުމާ އެއްގޮތަށް ޣައްޒާއިން އާންމު ރައްއިތުން ބޭރުކުރުމަކީ އެއްވެސް އިންސާފެއް އޮތް ކަމެއް ނޫން ކަމަށްވެސް އަބްދުﷲ ރަސްގެފާން ވިދާޅުވި އެވެ.

ޣައްޒާ މައްސަލާގައި ގޮތެއް ނިންމުމަކީ ހަމައެކަނި އުރުދުންއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އަބްދުﷲ ރަސްގެފާން، ޓްރަމްޕަށް ދެންނެވި އެވެ. އަރަބި އެކުވެރި އަޚުންގެ ވިސްނުމާއި އެހީތެރިކަމާ އެކު ޣައްޒާއާ މެދު ގޮތެއް ނިންމާނެ ކަމަށްވެސް ރަސްގެފާން ވިދާޅުވި އެވެ.

އުރުދުންއަށް މިހާރު ކުރެވެން އޮތް ކަމަކީ ޣައްޒާގައި ތިބި ވަރަށް ބަލި ކުދިންގެ ތެރެއިން 2،000 ކުއްޖަކު އުދުންއަށް ގެނެސް ފަރުވާދިނުމާއި ބެލެހެއްޓުން ކަމަށްވެސް ރަސްގެފާން ވިދާޅުވި އެވެ.