ދުނިޔެ

ފަލަސްތީނަކީ ފަލަސްތީން މީހުންގެ ވަޒަން ކަމަށް ޓްރަމްޕަށް ދެންނެވިން: އައިމަން ސަފާދީ

ފަލަސްތީން ނިސްބަަތްވަނީ އެ ގައުމުގެ ރައްޔިތުންނަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެންނެވި ކަމަށް އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެ އެވެ.

އައިމަން ސަފާދީ ވިދާޅުވީ ޣައްޒާއާ މެދު އެމެރިކާގެ ރައީސް ގެންގުޅުއްވާ ވިސްނުމަކީ ސަރަހައްދީ މަސްލަހަތައް ނުރައްކަލެއް ކަމަށް އުރުދުންގެ އަބްދުﷲ ރަސްގެފާން ޓްރަމްޕަށް ދެންނެވި ކަމަށެވެ.

މެދުއިރުމައްޗަށް ބޭނުންވަނީ މަޝްވަރާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ސިޔާސީ ހަމަޖެހުމެއް އޮވެން ނޫން ގޮތަކަށް އިޒުރޭލަށް އަދި ފަލަސްތީނަށް ވެސް ރައްކާތެރިކަމެއް ނެތް ކަމަށް އުރުދުންގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ޣައްޒާއިން ވަޒަންވެރިން ނެރެ އުކާލާނީ ވަކިން ކޮންތަނަކަށްތޯ ސަފާދީ ސުވާލުކުރެއްވި އެވެ. އުރުދުން އަކީ ފަލަސްތީން ނޫން ކަމަށާއި އުރުދުންގައި ދިރުއުޅޭނީ އެ ގައުމުގެ ރައްޔިތުން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ޣައްޒާއާ މެދު އުރުދުން އާއި އަރަބި އަޚުންވެސް ވިސްނުމެއް، ރޭވުމެއް ގެންގުޅޭ ކަމަށް ސަފާދީ ވިދާޅުވި އެވެ. ޣައްޒާ އަލުން ބިނާކޮށް އާބާދުކުރާނީ ވަޒަންވެރިން އެ މީހުންގެ ގެދޮރުގައި ބައިތިއްބައިގެން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.