ޒަކާތް

މުދަލު ޒަކާތުގެ ގޮތުގައި ޖެނުއަރީ މަހު 5.3 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ދައުލަތަށް 5.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 3.5 މިލިއަން ރުފިޔާއަށްވުރެ 1.7 މިލިއަން ރުފިޔާ އިތުރު މިންވަރެކެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެގޮތުން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 8،800.05 ރުފިޔާ ކަމުގައި ރާއްޖޭގެ ޒަކާތު ހައުސް އިން ވަނީ ކަނޑައަޅާފަ އެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ.