އެޗްޑީސީ

އެޗްޑީސީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ފާއިދާއި ޔާމީން ވަކިކޮށްފި

އެޗްޑީސީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހްމަދު ޔާމީން ސަސްޕެންޝަންގައި ބޭތިއްބުމަށްފަހު މަގާމުން ވަކިކޮށްފި އެވެ.

އޭސީސީއާއި ފުލުހުންގެ އިދާރާ އިން ކުރިއަށް ގެންދާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގާ ގުޅިގެން ފާއިދާއި ޔާމީން ހިމެނޭހެން އެޗްޑީސީގެ 15 ވަރަކަށް މުވައްޒަފުން މިދިޔަ ޑިސެމްބަރު 15ގައި އެންމެ ފުރަތަމަ މަގާމުން ވަކިކުރި އެވެ. ނަމަވެސް ފަހުން އެ ހުރިހާ މުވައްޒަފުންނަށް ވަޒީފާ ދިނުމަށްފަހު ފާއިދާއި ޔާމީން މަގާމުން ވަކިކުރުމާ ހަމައަށް ތިބީ ސަސްޕެންޑްކޮށްފަ އެވެ.

ފާއިދާއި ޔާމީން މަގާމުން ވަކިކުރި ނަމަވެސް އެޗްޑީސީ އިން އަދި މިމައްސަލައިގައި ވާހަކައެއް ނުދައްކަ އެވެ.

އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑުގެ ހުރިހާ މެންބަރުންނާއި ބައެއް އިސްވެރިން މިދިޔަ އަހަރު ސަސްޕެންޑް ކުރީ ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ދައްކައިގެން އެ ގޯތި ތަކުގައި އިމާރާތްކުރުމަށް ބޭނުންވެ އެކަމުގެ ހުއްދައަށް އެދުނު މައްސަލައެއް ފަޅާއެރުމުންނެވެ.

ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ގޯތި ހޯދަން އުޅުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދުވެސް ހިމެނެ އެވެ.

މައްސަލަ ފެންމަތިވުމާ އެކު ދިފާއުގައި އެތައް ވާހަކައެއް ދެއްކެވުމަށްފަހު ފަޒުލް ވަނީ މަގާމުން އިސްތިއޔފާ ދެއްވާފަ އެވެ.