ފެނަކަ ކޯޕަރޭޝަނުން ހިންގަމުން ދިޔަ އައިސްޕްލާންޓްތައް މިއަދު މިފްކޯ ދަށަށް ބަދަލުކޮށްފި އެވެ.
މިފްކޯ އިން މިއަދު ބުނީ ފެނަކަ އިން ހިންގަމުން ދިޔަ 14 ރަށެއްގެ އައިސްޕްލާންޓް އެ ކުންފުނީގެ ދަށަށް މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ.
ފެނަކަ އިން ހިންގަމުން ދިޔަ އައިސްޕްލާންޓްތައް މިއަދު މިފްކޯއާ ހަވާލުކުރީ ދެ ކުންފުނީގެ ދެމެދުގައި ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމުގެ ތަފްސީލެއް އެއްވެސް ކުންފުންޏަކުން ހާމައެއް ނުކުރެ އެވެ.
މިފްކޯ ދަށަށް ބަދަލުކުރި އައިސްޕްލާންޓްތައް
- ހއ. އިހަވަންދޫ
- ނ. ޅޮހި
- ރ. އަލިފުށި
- ބ. ތުޅާދޫ
- ފ. ނިލަންދޫ
- ތ. ހިރިލަންދޫ
- ގއ. ދާންދޫ
- ގއ. ދެއްވަދޫ
- ގއ. ގެމަނަފުށި
- ގއ. ކޮލަމާފުށި
- ގދ. ފަރެސްމާތޮޑާ
- ގދ. ފިޔޯރީ
- ސ. ހިތަދޫ

މިފްކޯ އިން ބުނީ އައިސްޕްލާންޓްތަކާ ހަވާލުވެ އެ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އައިސްޕްލާންޓްތައް ހިންގަން މިފްކޯ އަށް ލިބުމަކީ ރަނގަޅު ބަދަލެއް ކަމަށާއި ހިދުމަތުގެ ފެންވަރު މަތި ކުރާނެ ކަމަށްވެސް މިފްކޯ އިން ބުންޏެވެ.
ފެނަކަ އިން އައިސްޕްލާންޓްތައް ހިންގިއިރު އެ ތަންތަނުގެ ހިދުމަތް ދޭތެރެއަކުން މެދުކެނޑި މަސްވެރިންގެ ޝަކުވާ ބޮޑުވެ އެވެ. އެގޮތަށް ދިމާވަނީ އެ ކުންފުނީގެ އެކަމުގެ ފަންނީ މީހުން މަދުކަމުން ކަމަށް ފެނަކަ އިން ކުރިން ބުނެފައިވެ އެވެ.