ދުނިޔެ

އެމެރިކާގައި ޓިކްޓޮކަށް ބިޑްކުރުން ވައިޓް ހައުސްގައި

ޗައިނާގެ އިންޓަނެޓް ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސުން އެމެރިކާގައި ހިންގާ ޓިކްޓޮކް ވީޑިއޯ ޝެއަރިން ނެޓްވޯކް ހުއްޓާލަން އެމެރިކާގެ ކުރީގެ ސަރުކާރު -- ޖޯ ބައިޑަންގެ ވެރިކަމުގައި ވަނީ ގާނޫނަކުން ފާސްކޮށްފަ އެވެ.

ޓިކްޓޮކް އެމެރިކާގައި ހުއްޓާލަން އަމުރުކުރި ސަބަބަކީ އެއީ ޗައިނާ ކުންފުންޏަކުން އެމެރިކާގައި ދޭ ޚިދުމަތަކަށް ވާތީ އެވެ.

އެމެރިކާ ސަރުކާރު ދެކޭ ގޮތުގައި ޓިކްޓޮކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. އާންމު ފަރުދުންނާ ގުޅުން ހުރި މައުލޫމާތު ޗައިނާ ސަރުކާރަށް ލިބޭ ގޮތަށް އޮތުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

އެމެރިކާގައި ޓިކްޓޮކަށް ސަލާމަތްވެވެން އޮތް ހަމައެކަނީ ގޮތަކީ، ޓިކްޓޮކްގެ އެމެރިކާ ގޮފި، އެމެރިކާ ކުންފުންޏަކަށް ވިއްކާލުމެވެ. އަދި ފައިދާ ދެ ބަޔަށް ހަމައަށް ބެހުމެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްގެ މަގާމަށް ވަޑައިގަތުމަށް ފަހު ވަކި ގޮތެއް ނިންމުމަށް ޓިކްޓޮލަށް ވަނީ 90 ދުވަސް ދީފަ އެވެ. މި މުއްދަތުގެ ތެރޭގައި އެމެރިކާގެ ކުންފުންޏަކަށް ޓިކްޓޮކް ވިއްކާލަން ޖެހެ އެވެ. އެ ނޫން ގޮތެއްގައި އޮތީ އެމެރިކާގައި ޚިދުމަތް ހުއްޓާލުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓިކްޓޮކަށް ބިޑްކުރުން އެމެރިކާގައި މިހާރު ކުރިއަށް އެބަ ދެ އެވެ. އެކަމަކު ބިޑްކުރާ މީހުން ބައިޓްޑާންސްގެ މައި އޮފީހަށް ދިއުމުގެ ބަދަލުގައި ދަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއަށެވެ.

ބައިޓްޑާންސްގެ ވެރިންނާ މަޝްވަރާކުރުމުގެ ބަދަލުގައި، ޓިކްޓޮކް ގަންނަން ބޭނުންވާ ކުންފުނިތަކުން މަޝްވަރާކުރަނީ ޑޮނަލްޑް ޓްރަމްޕް ސަރުކާރުގެ އޮފިޝަލުންނާ ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެ އެވެ.