ފިޝަރީޒް މިނިސްޓްރީއާ ޗައިނާގެ ފުޖިއާން ރިސާޗް އިންސްޓިޓިއުޓާ ގުޅިގެން ފާނައާއި ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.
ކ. މަނިޔަފުށީގައި ކުރިއަށްދާ މި ޕްރޮގްރާމުގައި ވުޒާރާގެ 20 މުވައްޒަފުންނަށް ތަމްރީނު ދެނީ އިންސްޓިޓިއުޓްގެ 6 ޕްރޮފެސަރުންނެވެ.
ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ހަތް ދުވަހުގެ މި ތަމްރީނުގައި ފާނައާއި ހުއިފިލަނޑާ އާލާކުރާނެ ގޮތުގެ އިތުރުން އެ ދެ ބާވަތަށް ބޭނުންވާ ކާނާ ތައްޔާރުކުރުމާއި ބެލެހެއްޓުމުގެ މައުލޫމާތު ދޭނެ އެވެ.
މި ޕްރޮގްރާމަކީ ފާނައާއި ހުއިފިލަނޑާގެ ސްޓޮކް ދަށްވަމުން ދިއުމާ ގުޅިގެން މިނިސްޓްރީގެ އެދުމަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ ޗައިނާއާ ގުޅިގެން މިފަދަ ތަމްރީނެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.