މަސްތުވާތަކެތި

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ، މުހައްމަދު ކިޔާން އަހްމަދު ނާޒިމް (19އ) އެވެ.

އޭނާ ހައްޔަރުކުރީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު، ހިންގި މި އޮޕަރޭޝަނެއް ގައެވެ.

ފުލުހުން ބުނީ މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަން ކިލޯއަކަށް ވުރެ ގިނަ ކަމަށެވެ.

ކިޔާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުން ކަމަށާއި ޑްރަގް އެންފޯސްމަންޓްގެ އެހީތެރިކަންވެސް ލިބުނު ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.