ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ތިން ޓެކްސީ ޑްރައިވަރަކަށް ދައުވާކޮށްފި

އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި މުޒާހަރާ ކުރި ޓެކްސީ ޑްރައިވަރުންގެ ތެރެއިން ތިން ޑްރައިވަރަކަށް ދައުވާކޮށްފި އެވެ.

ހުޅުމާލޭގައި މިދިޔަ ޑިސެމްބަރު 11 ވަނަ ދުވަހު މުޒާހަރާކުރި ޑްރައިވަރުންގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ކުރިން ޖެހި އެވެ.

އެކަމަކު ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ދައުވާ ކުރީ ތިން މީހަކަށެވެ. އެއީ މއ. ނަހީދީމަންޒިލް | މިސްބާހު ޝަރީފް އާއި، މއ. ވިރާހު | މުހައްމަދު ޝާމިންގެ އިތުރުން ހދ. ކުމުންދޫ | ހޮލިޑޭވިޖެލް | ނުއުމާން އަހްމަދު އެވެ.

މި ތިމް މީހުންގެ މައްޗަށް ދައުވާ ކުރީ މި މަހުގެ ފަސް ވަނަ ދުވަހު ހުޅުމާލެ ކޯޓުގައެވެ. މި ތިން މީހުންނަށްވެސް ކޮށްފައިވަނީ ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ. ދައުވާ ސާބިތުވެއްޖެނަމަ 24 މަހާއި ހަތަރު ދުވަހު ޖަލު ހުކުމެއް އިއްވާނެ އެވެ.

ޕީޖީ އޮފީހުން ބުނީ މި މީހުންގެ މައްޗަށް ދައުވާ ކުރީ ހުޅުމާލެ، ނިރުޅޮމަގުގައި ހުންނަ އެމްޑަބްލިއުއެސްސީ ސަރަހައްދުގެ މަގު ބަންދުކުރުމާ އެކު އާއްމު ދަތުރުފަތުރަށް ހުރަސްއަޅައި އަދި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއަޅައި އަމަން ނަގާލަން އުޅުމުން ކަަމަށެވެ.