މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ ފިރިހެނުން ހައްޔަރުކޮށްފި

އަންހެން ހެދުން އަޅައިގެން ތިބި ދެ ފިރިހެނަކު ވައްކަންކުރަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ މާވެޔޮމަގު ކަންމަތީގައި ދެ ފިރިހެނަކު، ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ރޭ މެންދަމު 2:40 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ތިބީ ގދ. ވާދޫ، ލިލީގެ، އަހްމަދު ސަބާހު (46 އ) އަދި ނ. މިލަދޫ، ސޯސަންގެ، އަހްމަދު ނައުޝާދު (42 އ) އެވެ.

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން 15 ދުވަހު ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ މުއްދަތު ޖަހާފަ އެވެ.

މައްސަލަ ތަހުގީގު ކުރަމުންދާތީ މި ދެ މީހުން ވައްކަން ކުރަން އުޅުނު ތަނެއް ފުލުހުން ނުބުނެ އެވެ.