އެމެރިކާ ޑޮލަރު

ރޯދަ މަހު އުމްރާއަށްދާ މީހުންގެ ޑެބިޓް ކާޑު ލިމިޓް 1،500 ޑޮލަރަށް ބޮޑުކޮށްފި

ރޯދަމަހު އުމްރާއަށްދާ އުމްރާވެރިންގެ ޑެބިޓް ކާޑު ޑޮލަރު ލިމިޓް 1،500 ޔޫއެސް ޑޮލަރަށް އިތުރުކޮށްފި އެވެ.

މި އަހަރުގެ ރޯދަމަހު އުމްރާއަށް މީހުންނަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަން ނިންމަވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާނު ކުރެއްވީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އަދި އެކަން ހަމަޖައްސައިދިނުމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރީޓީ (އެމްއެމްއޭ) އާއި ބީއެމްއެލްގައި ދަންނަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ އަންނަ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އުމްރާއަށްދާ ހުރިހާ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1،500 ޔޫއެސް ޑޮލަރުގެ ލިމިޓް ދޭން ބޭންކުން ނިންމާފައިވާ ކަމަށެވެ.

ކާޑަށް ދޫކުރާ މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ކަމަށާއި މި ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ބީއެމްއެލް އިން ބުނީ އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލް ބޭންކުން އުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށްދާ މީހުން އެ ގްރޫޕަކާ ގުޅުއްވުމަށް ވަނީ އެދިފަ އެވެ.

އުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރައްވާ އުމްރާވެރިން، ބޭންކު ބަންދު ދުވަސްތައް ފިޔަވައި، ފުރުމުގެ ފަސް ދުވަސް ކުރިން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުންކާޑު ލިމިޓް ހަމަޖައްސައިދޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1،500 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށާއި އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން ހުރިހާ ޢުމްރާ ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޔޫއެސް ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.