ޓެކްނޯލޮޖީ

ފޭސްބުކް އިން ބްލެކްބެރީ ޑިޗް ކޮށްލަނީ!

ބްލެކްބެރީއަށް ދެމުންދާ ސަޕޯޓް ފޭސްބުކްއިން ދިނުން ހުއްޓާލަން ނިންމައިފި އެވެ.

ގިނަ ބަޔަކު ބޭނުން ކުރާ މި އެޕްލިކޭޝަން ބްލެކްބެރީ ފޯންތަކަށް އަންނަ މަހުން ފެށިގެން ނުލިބޭނެ ކަން ބްލެކްބެރީ އިން ވަނީ ޓްވީޓެއްގެ ޒަރިއްޔާއިން ކަށަވަރު ކޮއްދީފަ އެވެ. ބްލެކްބެރީއަށް ކުރިން ފޭސްބުކްއިން ދެމުން އައި ސަޕޯޓް ނުދިނުމަށް ނިއްމައިފައިވާ އިރު މިމަހުގެ ކުރީކޮޅު ފޭސްބުކްގެ ފުރިހަމަ ހިއްސާ އޮންނަ އެޕްލިކޭޝަނެއް ކަމުގައިވާ ވަޓްސް އެޕް އިން ވެސް ވަނީ އެމީހުންގެ ސަޕޯޓް ބްލެކްބެރީ އަށް ނުދިނުމަށް ނިއްމާފަ އެވެ. ނަމަވެސް ވަޓްސް އެޕް މި އަހުރުގެ ޑިސެމްބަރުގެ ނިޔަލަށް ބްލެކްބެރީ ފޯނުތަކުން ބޭނުން ކުރެވޭނެ އެވެ.

ބްލެކްބެރީގެ ޑިވެލޮޕާ މެނޭޖްމަންޓްގެ ސީނިޔާ މާކެޓިން މެނޭޖަރާ ހަވާލާދީ ބްލެކްބެރީގެ ބުލޮގްގައި ބުނެފައިވާ ގޮތުގައި ބްލެކްބެރީ އިން ފޭސްބުކާ ވާހަކަ ދައްކާ މަޝްވަރާތައް ކުރުމުން ވެސް ފޭސްބުކްއިން އޭމީހުންގެ ސަޕޯޓް ދިނުމަށް ނިންމާފައެއް ނުވެ އެވެ. އަދި ބްލެކްބެރީގެ ގިނަ ކަސްޓަމަރުން މިކަމާ ހިތާމަކުރާކަމަށް ވެސް ވަނީ ބުނެފަ އެވެ. ހަމަ އެގޮތުން ބްލެކްބެރީ އިން ވަނީ ފޭސްބުގެ މި ނިންމުމާއި ދެކޮޅަށް ބްލެކްބެރީއަށް މިހާރުވެސް މީހުންގެ ސަޕޯޓް އޮތްކަން އަންގާދިނުމަށް ސޯޝަލް މީޑިޔާގައި ކެމްޕޭނެއްވެސް ފަށާފަ އެވެ. އެގޮތުން ބްލެކްބެރީއަށް ސަޕޯޓުކުރުމުގެ ގޮތުން "ILoveBB10Apps#" މި ހޭޝްޓެގް ސޯޝަލް މީޑިޔާގައި ބޭނުން ކުރުމަށް ގޮވާލައިފަ އެވެ.

ފޭސްބުކް އިން ބްލެކްބެރީއަށް ދެމުންދާ ސަޕޯޓް ހުއްޓާލާނެ ކަމަށް ބުނި ނަމަވެސް އަދިވެސް ފޭސްބުކް، ބްލެކްބެރީގެ ވޯލްޑް އެޕް ސްޓޯއިން ޑައުންލޯޑް ކުރެވެ އެވެ. ފޭސްބުކްއިން ބްލެކްބެރީއަށް ދެމުންދިޔަ ސަޕޯޓް ހުއްޓާލުމުން ބްލެކްބެރީގެ ފޯނުތައް ބޭނުން ކުރާ ފަރާތްތަކަށް ފޭސްބުކް ބޭނުން ކުރެވޭނީ ފޯނުގެ ބްރޯޒާ އެއްގެ އެހީގަ އެވެ.