ދިރާގާއި މަމްސް އެއިޑް ގުޅިގެން މި އަހަރު ވެސް "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން، އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.
މަމްސް އެއިޑަކީ އަންހެނުން، ހާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
އެގޮތުން 'ރަމަޟާން އެއިޑް' އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ އާންމުންނަށްވެސް ހުޅުވާލެވިފަ އެވެ.
މި ރަމަޟާން މަހު މަމްސް އެއިޑްއިން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މަގްސަދަކީ، މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް މި ބަރަކާތްތެރި ރަމަޟާން މަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހިމެނޭ ކެއާ ޕެކޭޖްތައް ފޯރުކޮށްދިނުން ކަމުގައި ދިރާގުން ބުނެފައިވެ އެވެ.
ދިރާގުން އަބަދުވެސް ދަނީ މުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަންހެނުން ބާރުވެރިކުރުމުގެ މަގުސަދުގައި މި ފަދަ ހަރަކާތްތަކަށް އެއްބާރުލުން ދެމުންނެވެ.