މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އަސާސީ 141 މުދަލުގެ އަގު ރޯދަމަހު ހިފަހައްޓަން ފިޔަވަޅުތަކެއް

އަސާސީ ކާބޯތަކެތީގެ ގޮތުގައި 141 މުދާ ކަނޑައަޅައި ރޯދަމަހު ބާޒާރުގެ އަގުތައް ހިފަހައްޓަން ފިޔަވަޅުތަކެއް އަޅަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ބުނީ ތިން ކެޓަގަރީއަކުން ޖުމްލަ 141 މުދަލުގެ އަގު ރޯދަ މަހު އެ މިނިސްޓްރީން މޮނީޓާކުރަމުންދާނެ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ގޭބިސީތަކުގައި ކެއުމަށާއި ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ އަސާސީ ތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 93 މުދަލާއި މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން 38 މުދަލާއި ކަނޑުމަހުގެ ބާވަތްތަކުން 10 މުދަލެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުން މާލެ އާއި އަތޮޅުތަކުގެ ފިހާރަތަކާއި ލޯކަލް މާރުކޭޓުތަކުން ބާޒާރުގެ އަގުތައް މޮނީޓާކުރާނެ ކަމަށެވެ.

އަސާސީ ބާވަތްތަކުގެ އަގު ބޮޑުވެއްޖެނަމަ "އަސާސީ ބާވަތްތައް ކަނޑައެޅުމާއި އަގު މޮނިޓާކުރުމާއި މާކެޓް އިންޓަވެންޝަންގައި މިނިސްޓްރީން އަމަލު ކުރާނެ ގޮތުގެ އުސޫލު" ގެ ދަށުން އިންޓަވީން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އަސާސީ ބާވަތްތަކުގެ ތަކެތީގެ އަގުތައް ސްޓެބިލައިޒް ކުރުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ މެދުވެރިކޮށެވެ.

އެ މިނިސްޓްރީން ބުނީ މިހާރު ބާޒާރުގައި ލިބެންހުރި ތަކެއްޗާއި އެތަކެތީގެ އަގު ދެނެގަނެ ރޯދަ މަސް އަންނަންވާއިރަށް އެތަކެތީގެ ސަޕްލައި މެދުނުކެނޑޭނެކަން ޔަގީންކޮށް އަގުތައް މައްޗަށް ނުދާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އާންމު ގޮތެއްގައި ރޯދަމަހު ގޭބިސީތަކުގައި ބޭނުންކުރާ ކާބޯތަކެތި ދެނެގަނެ، އެސްޓީއޯއާ ގުޅިގެން އެތަކެތީގެ ސްޓޮކް މެދުކެނޑުމެއް ނެތި ލިބެން ހުންނާނެކަން ކަށަވަރުކުރާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.