ރޯދަ މަސް

ރޯދަ މަހު މުދާ އުފުލޭނެ ވަގުތުތަކެއް ކަނޑައަޅައިފި

ރޯދަ މަހު މާލެ ސަރަހައްދުގައި ވިޔަފާރި ބޭނުންތަކަށް މުދާ އުފުލޭނެ ވަގުތުތަކެއް ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ރޯދަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ގްރޭޓާ މާލެ ސަރަހައްދުގައި މުދާ އުފުލޭނީ ވަކި ގަޑިތަކެއްގައި ކަމަށެވެ.

އެގޮތުން މިމުއްދަތުގައި ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި އުފުލުން މަނާ ގަޑިތަކަކީ ހެނދުނު 6:00 އިން ހެނދުނު 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 8:00 އަށެވެ.

ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި އުފުލުން މަނާ ގަޑިތަކަކީ ހަވީރު 4:30 އިން ރޭގަނޑު 8:00 އަށެވެ.