އެސްޓީއޯ އިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ އިން ލުނބޯ ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށެވެ. އަދި ލުނބޯ ފޮށިގަނޑެއް (ފަސް ކިލޯ) ވިއްކަނީ 145 ރުފިޔާ އަށެވެ.
ލުނބޯ ހެޔޮ އަގުގައި ވިއްކަން ފެށީ ރޯދަ މަހާ ދިމާކޮށް ތަކެތި އަގުހެޔޮ ކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.
އެސްޓީއޯ އިން ހެޔޮއަގުގައި ލުނބޯ ވިއްކަން ފަށާފައިވާއިރު ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ އިން މިމަހުގެ ތެރޭގައި ކާށި ގެނެސް ހެޔޮ އަގުގައި ދަނީ ވިއްކަމުންނެވެ.
ސަރުކާރުން ވަނީ އަސާސީ ކާބޯތަކެތީގެ ގޮތުގައި 141 މުދަލެއް ކަނޑައަޅައި ރޯދަމަހު ބާޒާރުގެ އަގުތައް ހިފަހައްޓަން ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ.
މީގެ ތެރޭގައި ހިމެނެނީ ގޭބިސީތަކުގައި ކެއުމަށާއި ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ އަސާސީ ތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 93 މުދަލާއި މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން 38 މުދަލާއި ކަނޑުމަހުގެ ބާވަތްތަކުން 10 މުދަލެވެ.