އެސްޓީއޯ

އެސްޓީއޯއިން ހެޔޮއަގުގައި ފިޔާ، ބިސް، އަލުވި އަދި ލުނބޯ ބާޒާރަށް ނެރެފި

އެސްޓީއޯއިން ހެޔޮއަގުގައި ފިޔާ، ބިސް، އަލުވި އަދި ލުނބޯ ބާޒާރަށް ނެރެފި އެވެ.

ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯއިން އިމްޕޯޓްކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ.

ރޯދަ މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެއްކަމުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިޢާޔަތްކޮށްގެން ކަމަށާއި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާއި ގުޅިގެން އެސްޓީއޯ އިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެ ކަމަށެވެ.

"އަދި އެކްސެޕްޝަނަލް ކޭސްތަކުގައި ވަކި ސަރަހައްދުތަކެއްގެ ބާޒާރައް އަންނަ ބަދަލުތަކާގުޅިގެން އެސަރަހައްދެއްގައި ވިއްކާ އަގަށް ބަދަލު ގެނެވޭނެ،" އެސްޓީއޯއިން ބުނެފައިވެ އެވެ.

ނަމަވެސް އާންމު ހާލަތުގައި އެސްޓީއޯގެ ހުރިހާ ރީޖަނަލް ސަރަހައްދަކުނެވެސް ލިބެން ހުންނާނީ އެއް އަގެއްގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ބިސް ކޭހެއް މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 320 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 310 ރުފިޔާއަށް ވިއްކާއިރު ފިޔާ ބަސްތާއެއްވެސް މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 310 ރުފިޔާއަށް ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.

އެސްޓީއޯއިން ބާޒާރަށް ނެރެފައިވާ ތާޒާ ލުނބޯ ވިއްކުމަށް ހަމަޖެހިފައިވަނީ ކޭހެއް (5 ކިލޯގެ) 145 ރުފިޔާގެ ރޭޓުންނެވެ.

ބިހާއި އަލުވީގެ އިތުރުން ފިޔާ އާއި ލުނބޯ ހޯލްސޭލްކޮށް ލިބެން ހުންނާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިންނެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ދެ ރުފިޔާއަށް ބިހެއް އަދި 18 ރުފިޔާއަށް އަލުވި ކިލޯއެއް ވަކިން ގަނެވެން ހުންނާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ. އަދި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ފިޔާ ކިލޯއެއް 14 ރުފިޔާއަށް އަދި ލުނބޯ ކިލޯއެއް 40 ރުފިޔާއަށް ގަނެވެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.

އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފަ އެވެ.

ހަތަރު ކެޓެގެރީއަކަށް ބަހާލައިގެން އެތެރެކުރާ ކާބޯތަކެތި

  • އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
  • ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
  • ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
  • ކެއްކުމަށް ބޭނުންކުރާތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

އެސްޓީއޯގެ މަގުސަދަކީ އުފެދޭ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތު މީހާ އުފުލަން ނުޖެހޭނެހެން އިންތިޒާމުތައް ހަމަޖެއްސުން ކަމަށްވެސް ބުންޏެވެ.