ރަސްފަންނު

ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތަށް ސަރުކާރުން ނިކުމެއްޖެ

ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން އެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ހައުސިން މިނިސްޓްރީންވެސް ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ފަށާތީ މިމަހުގެ 22 އިން 28 އަށް އެ ސަރަހައްދު ބަންދުކުރާނެ ކަމަށެވެ.

ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާ އެކު ކަމަށްވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް ސަރުކާރުން އެކަމުގެ ތެރެއަށް ވަދެފައިވާ ވަކި ސަބަބެއް މިނިސްޓްރީއަކުން އަދި ނުބުނެ އެވެ.

މާލެ ސިޓީ ކައުންސިލުން މިމަހުގެ 16 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަމީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ އެ ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު 9:00 ގައި ފަށާނެ ކަމަށް ކައުންސިލުން ބުންޏެވެ.

"ވީމާ މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުކުރެވިފައި ހުންނާނެ ވާހަކަ ދަންނަވަމެވެ،" އިއުލާންގައިވެ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރަސްފަންނު މަރާމާތު ކުރުމަށްފަހު ދެން އެ ތަން ވީރަނަވާން ދޫކޮށް ނުލައްވާނެ ކަމަށާއި ދެން ރަސްފަންނު ބަލަހައްޓަމުން ދާނީވެސް ސީދާ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

މޭޔަރު ވިދާޅުވީ ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް ފަށާތާ ދެ ތިން މަސް ދުވހުގެ ތެރޭގައި މަސައްކަތް ނިންމާލާނެ ކަމަށެވެ. އަދި މަސައްކަތް ނިމޭއިރު ރަނގަޅު ފެންވަރެއްގައި ތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމުގެ އުފާވެރި ހަބަރު ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދެން. މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއާލާ ދެނެގަނެ، އެ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން" މޭޔަރު ވިދާޅުވި އެވެ.

ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފެށީ މިދިޔަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްފަންނަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.