ދައުލަތަށް މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވި ނަމަވެސް ހިންގުމުގެ ހަރަދުތައް ކުޑަކުރުމާއެކު މި އަހަރުގެ ބަޖެޓް އޮތީ 1.4 ބިލިއަން ރުފިޔާ ސާޕްލަސްގައި ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 4.43 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 4.79 ބިލިއަން ރުފިޔާ ލިބުނެވެ.
ލޯނުތައް ދެއްކުމަށް ކުރި ހޭދަ އާއި ލެންޑިންގް އަދި އިންވެސްޓްމަންޓްސްއަށް ކުރި ހޭދަ ހިމެނޭ ގޮތަށް ދައުލަތުގެ ޖުމްލަ ހަރަދު މި އަހަރު ހުރީ 3.8 ބިލިއަން ރުފިޔާގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 4.9 ބިލިއަން ރުފިޔާގަ އެވެ.
ލޯނުތައް ދެއްކުމަށް ކުރި ހޭދަ އާއި ލެންޑިންގް އަދި އިންވެސްޓްމަންޓްސްއަށް ކުރި ހޭދަ ނުހިމަނައި ދައުލަތުގެ ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދު މި އަހަރު ހުރީ ތިން ބިލިއަން ރުފިޔާގަ އެވެ. ފާއިތުވި 2024 ވަނަ އަހަރު މި ހަރަދު ހުރީ 4.1 ބިލިއަން ރުފިޔާގަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިދާރީ އަދި ހިންގުމުގެ ހަރަދު ވަނީ ކުޑަކޮށްފަ އެވެ.
އިދާރީ އަދި ހިންގުމުގެ ހަރަދު މިދިޔަ އަހަރުގެ މި މުއްދަތުގައި 2.1 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް މި އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 1.7 ބިލިއަން ރުފިޔާގަ އެވެ.
މީގެ އިތުރުން ކެޕިޓަލް ހޭދަވެސް ވަނީ ދަށަށް ގޮސްފަ އެވެ. ކެޕިޓަލް ހަރަދަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 855 މިލިއަން ރުފިޔާ ހޭދަކުރިިއިރު މި އަހަރު ހޭދަކުރީ 169 މިލިއަން ރުފިޔާ އެވެ.
ކެޕިޓަލް ހަރަދާއި އިދާރީ އަދި ހިންގުމުގެ ހަރަދު ދަށަށް ދިޔަ ނަމަވެސް މުސާރައަށް ކުރި ހޭދަ ވަނީ މި އަހަރު އިތުރުވެފަ އެވެ.
އެ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކަށް 1.14 ބިލިއަން ރުފިޔާ ހޭދަކުރިއިރު ފާއިތުވި އަހަރުގެ އެ މުއްދަތުގައި މުސާރައާއި އިނާޔަތްކަށް ހަރަދުކުރީ 1.02 ބިލިއަން ރުފިޔާ އެވެ.