ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ލަސް ޕަލްމާސް ކުޅުނު މެޗު 2-0 އިން މޮޅުވެ، ބާސެލޯނާ އަނެއްކާވެސް ތާވަލުގެ އެއްވަނައަށް އަރައިފި އެވެ
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ދެއްކި ވާދަވެރި ކުޅުމުގައި އެއްވެސް ލަނޑެއް ނުޖެހުނު ނަމަވެސް ދެވަނަ ހާފުގައި ކޯޗު ގެނައި ބަދަލުތަކާއެކު ބާސާގެ ކުޅުން އިތުރަށް ވަރުގަދަކުރި އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ޑެނީ އޮލްމޯ އެޓީމަށް ފުރަތަމަ ލަނޑު ޖެހި އެވެ. މި ލަނޑަށް އެހީތެރިވެދިނީ ލަމީން ޔަމާލް އެވެ.
މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭޒް ރަފީނިއާގެ އެހީއާއެކު ދެވަނަ ލަނޑު ޖެހުމުން، މެޗުގެ ނަތީޖާ 2-0 އަށް ފުޅާވި އެވެ.
މި މޮޅާއެކު ބާސެލޯނާ ވަނީ 25 މެޗުން 54 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ އެއްވަނައަށް އަރާފަ އެވެ.
އެތްލެޓިކޯ މެޑްރިޑް އޮތީ 25 މެޗުން 53 ޕޮއިންޓާއެކު ދެވަނައިގަ އެވެ. މިއަދު ކުޅޭ މެޗުގައި ރެއާލް މެޑްރިޑް މޮޅުވެއްޖެނަމަ 24 މެޗުން މިހާރު ލިބިފައިވާ 51 ޕޮއިންޓް 54 އަށް އަރައި، ޕޮއިންޓުގެ ގޮތުން ބާސެލޯނާއާ އެއްވަރުވާނެ އެވެ.
މި ސީޒަނުގައި ބާސެލޯނާގެ ބަދަލު ކުޅުންތެރިން ވަނީ 12 ލަނޑު ޖަހާފަ އެވެ. އެތްލެޓިކޯ މެޑްރިޑްގެ ބަދަލު ކުޅުންތެރިން މިހާތަނަށް ވަނީ 15 ލަނޑު ޖަހާފަ އެވެ.