އެކްސިޑެންޓް

ކާރެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓްގައި ކާރާއި ހަ ސައިކަލަށް ގެއްލުން

މާލޭގެ އަމީނީމަގުން ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުވެ ގޮސް އެކްސިޑެންޓްވެއްޖެ އެވެ.

ފުލުހުން ބުނީ އަމީނީމަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް، ކޮންޓްރޯލް ނުވެ އެކްސިޑެންޓްވި މައްސަލަ މިއަދު ހެނދުނު 7:50 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އެ ސަރަހައްދުގައި ކާރުގެ އިތުރުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ހަ ސައިކަލަކަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.

މި ހާދިސާގައި ކާރުގެ ބައެއް ބިއްލޫރިތައް ތަޅައިގެން ދިޔުމުގެ އިތުރުން ކާރުގެ ކުރީ ބަފަރު ވަނީ ނެއްޓިފަ އެވެ. މި ހާދިސާގައި ސައިކަލުތަކަށްވެސް އެކިވަރުގެ ގެއްލުން ލިބުނެވެ.

ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނެފަ އެވެ.