ބޭންކް އޮފް މޯލްޑިވްސް

ރޯދައާއި އެކު ބީއެމްއެލްގެ ހުރިހާ ހިދުމަތެއް އޮންލައިންކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިޖިޓަލައިޒޭޝަން ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ކުރިއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭންކަށް ނުގޮސް ބޭންކިން ހިދުމަތްތައް ލިބޭނެ ގޮތަށް ހިދުމަތްތައް ބައްޓަންކުރުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ ކޮންމެ ދުވަހަކު 24 ގަޑިއިރު ބީއެމްއެލްގެ ޑިޖިޓަލް ޗެނަލް ތަކުން މިހާރުވެސް ލިބޭ ގޮތަށް ރޯދަ މަހުވެސް ހިދުމަތްތައް ލިބޭނެ ކަމަށެވެ. އެގޮތުން ލިބޭ ހިދުމަތްތަކަކީ:

  • ފައިސާ ޖަމާކުރުމާއި ނެގުން
  • ފައިސާ ޓްރާންސްފަ ކުރުން
  • ލޯނާއި، ފައިނޭންސް އަދި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން
  • މުދާގަތުމަށާއި ހިދުމަތްތަކަށް ފައިސާ ދެއްކުން
  • ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން
  • ލުއި ލޯނާއި ފައިނޭންސް ދޫކުރުން
  • ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑަށް އެދި ހުށަހެޅުން
  • އޮންލައިންކޮށް ކާޑު އެކްޓިވްކުރުން، ޕިން ބަދަލުކުރުން، ފްރީޒްކުރުން އަދި ކާޑު ބްލޮކް ކުރުން
  • ޒަކާތް ދެއްކުން

މަތީގައިވާ ހިދުމަތްތަކުގެ އިތުރުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތުން ބީއެމްއެލް އިން މިހާރު ވަނީ އާ ހިދުމަތްތަކެއް ތައާރަފްކުރަން ނިންމާފަ އެވެ.

  • އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން. މިހާރުވެސް އެކައުންޓެއް ހުޅުވާފައިވާ ކަސްޓަމަރުންނަށް އިތުރު އެކައުންޓްވެސް އޮންލައިންކޮށް ހުޅުވޭނެ.
  • ވިޔަފާރި އެކައުންޓްތައް އޮންލައިންކޮށް ހުޅުވައިދިނުން.
  • ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނު ހިމެނޭހެން ހުރިހާ ލޯނަކާއި ފައިނޭންސަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖެއްސުން.
  • ރާއްޖެއިން ބޭރުން އަންނަ ފައިސާގެ ތެރެއިން 10 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް ވަގުތުން ވެރިފިކޭޝަން ނިންމުމަށްފަހު އެކައުންޓަށް ޖަމާކޮށްދިނުން.
  • ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ (ޓީޓީ އަދި އޮންލައިން މަނީ ޓްރާންސްފަރ) ތެރެއިން 5 ހާސް ޑޮލަރުން ފެށިގެން ދަށުގެ އަދަދުތައް އޮންލައިންކޮށް ފޮނުވޭނެ ގޮތް ހަމަޖެއްސުން.
  • ވިޔަފާރިތަކުން ނަގުދުފައިސާ ނެގުމަށް ޗެކުގެ ބަދަލުގައި، ބިޒްނަސް ކާޑުން ފައިސާ ނެގޭ އަދަދު 2 ލައްކަ ރުފިޔާއަށް އިތުރު ކުރުން.

މީގެ އިތުރުން ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ބައެއް ހިދުމަތްތަކަށް ބަދަލު ގެނައުމަށްވެސް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ. އެގޮތުން ގެންނަ ބަދަލުތަކަކީ:

  • ކާޑު ނަގަން ކަސްޓަމަރުން ބޭންކަށް އަންނަން ނުޖެހޭ ގޮތަށް، ކަސްޓަމަރުގެ ގެއަށް ކާޑު ފޮނުވައިދިނުމުގެ ޚިދުމަތް ފެށުން. މިގޮތަށް ފޮނުވާ ކާޑުތައް އެކްޓިވޭޓްކޮށް އަދި ޕިން ބަދަލުކުރެވޭނީ އިންޓަރނެޓް ބޭންކިންގ ނުވަތަ ބޭންކުގެ އެޕް މެދުވެރިކޮށް.
  • ބޭންކުގެ ކާޑުތަކުން، ބޭންކުގެ ޕީ.އޯ.އެސް ނުވަތަ އޮންލައިންކޮށް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް ވިޔަފާރިތަކުން ބަލައިގަންނަ ފައިސާ، ދުވަހުގެ ސެޓްލްމެންޓް ފުރިހަމަކޮށްފައިވާނަމަ 24 ގަޑިއިރުތެރޭގައި އެކައުންޓަށް ޖަމާކޮށްދިނުން.
  • މަދު ފަހަރަކު ދިމާވާ ގޮތަކުން އޭޓީއެމް އިން ފައިސާ ނެގުމާއި ޖަމާކުރުމުގައި މުއާމަލާތް ފުރިހަމަނުވެ، ފައިސާ ނުނެގޭ ނުވަތަ ޖަމާނުވެދާ ފައިސާ 1 ގަޑިއިރުތެރޭގައި އެކައުންޓަށް އަނބުރާ ޖަމާކޮށްދިނުން.
  • ކުންފުނިތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ޚާއްސަ ޚިދުމަތްތައް، ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރުން މެދުވެރިކޮށް ފަސޭހައިން ޚިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން.
  • ކަސްޓަމަރުން ބޭންކާ މުޢާމަލާތް ކުރުމަށް 24 ގަޑިއިރުގެ ޚިދުމަތްދޭ ކޮންޓެކްޓް ސެންޓަރާއި ޗެޓްބޮޓް، ލައިވް އެޖެންޓްގެ އިތުރުން ވަޓްސްއަޕް އަދި ވައިބަރ އިން މެސެޖް ކުރެވޭނެ.

ބީއެމްއެލް އިން ބުނީ އެއްވެސް ސަބަބަކާ ހުރެ ކަސްޓަމަރަކު ބޭންކަށް ޒިޔާރަތްކުރަން ޖެހޭނަމަ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު (ބަންދު ދުވަސްތައް ފިޔަވައި) ބެންކުގެ ބްރާންޗްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށެވެ. އަދި މާޗް 27 އާއި 29 މާޗް ފިޔަވައި ރަމަޟާން މަހު ފަހު 10 ދުވަހު ޑިޖިޓަލްކޮށް ބޭންކުގެ ހުރިހާ ހިމަތެއް ދިންކަމުގައި ވިޔަސް ބޭންކުގެ ބްރާންޗްތައް ބަންދުވާނެ ކަމަށްވެސް ބުންޏެވެ.