ޓޫރިސްޓް އެރައިވަލް

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 4 ލައްކައާ ގާތަށް

މިއަހަރުގެ ފުރަތަމަ ދެމަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 389،223 އަށް އަރައިފި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.3 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 56،150 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިއާއިން 38،505 އަދި އިނގިރޭސިވިލާތުން 37،827 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ވަސީލަތްތަކަށް ބަލާއިރު، މިވަގުތު 172 ރިސޯޓާއި، 796 ގެސްޓްހައުސް އަދި 155 ސަފާރީ ދަނީ ހިދުމަތް ދެމުންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 68.9 އިންސައްތަ މީހުން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އަދި 25.9 އިންސައްތަ މީހުން ގެސްޓްހައުސްތަކުގައި ހޭދަކުރާއިރު، 2.7 އިންސައްތަ މީހުން ހޮޓާތަކުގައި މަޑުކުރެ އެވެ.

މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމުގައިވާއިރު، މިހާރުގެ ހަލުވި ދުވެލީގައި ކުރިއަށްދާނަމަ، މި މަހުގެ ތެރޭގައި ފަތުރުވެރިންގެ އަދަދު 4 ލައްކައަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ސަރުކާރުގެ އަމާޒަށް ވާސިލް ވާނެ ކަމަށް ބެލެވެ އެވެ.