ރިޔާސީ ބަޔާން

ރިޔާސީ ބަޔާނުން ލިބުނީ އިތުރު މާޔޫސްކަމެއް: ނާޒިލް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނަކީ ރައްޔިތުންނަށް އިތުރު މާޔޫސްކަމެއް ގެނުވި ބަޔާނެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ރައީސް މުއިއްޒު އިއްވެވި ބަޔާނަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ހައިސިއްޔަތުން ދެއްވި ޖަވާބުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ރިޔާސީ ބަޔާނަކީ ގައުމުގެ މިއަދުގެ ހާލަތަވެސް ގުޅުން ކުޑަ ބަޔާނެއް ކަމަށެވެ.

ނާޒިލް ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު ގޯސްކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވާއިރު އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ގެންގުޅޭ ދުރު ރާސްތާގެ ސިޔާސަތު ބުނެދެވިފައި ނުވާ ކަމަށެވެ. މިސަރުކާރުގެ ސިޔާސަތުތަކަށް ދުވަހުން ދުވަހަށް ބަދަލު އަންނަމުންދާތީ އެކަމަށް ނާޒިލް ވަނީ ފާޑުވެސް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓަށް ހޯދަންޖެހޭ ފައިސާ ސަރުކާރަށް ހޯދައިދެވިފައި ނުވާ ކަމަށެވެ. ފައިސާ ހޯދަން އަމަލުކުރާނެ ގޮތްތަކެއް ކިޔައިދެވިފައި ނުވާއިރު ދައުލަތް ދަރަނި ކުރުމުގައި މިސަރުކާރުން ރެކޯޑެއް ހަދާފައިވާ ކަމަށްވެސް ބުންޏެވެ.

"މިކަމުގެ ނަތީޖާއެއްގެ ރާއްޖޭގެ ކްރެޑިޓް ރޭޓިން އެވަނީ ދަށްކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ މިސަރުކާރުން ކަންކުރާ ގޮތް ސާފު ނުވާއިރު ކަންކުރާނެ ގޮތްތަކެއް ބުނެ ނުދެވޭތީ ރައްޔިތުން މިސަރުކާރާ މެދު ވަރަށް ބޮޑަށް މާޔޫސްވެއްޖެ ކަމަށެވެ. ނާޒިލް ސިފަކުރެއްވި ގޮތުގައި މިސަރުކާރަކީ ހިޔާލީ ވާހަކަދައްކާ ސަރުކާރެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމްގެ ދާއިރާއިން ކަމަށްވާއިރު އެ ދާއިރާއަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް ސަރުކާރުން ކުރާނެ އެއްވެސް ކަމެއް ރިޔާސީ ބަޔާނުން އެނގިފައި ނުވާ ކަމަށް ނާޒިލް ވިދާޅުވި އެވެ. ގެސްޓް ހައުސް ވިޔަފާރީގައި ބޭރު މީހުން އިންވެސްޓް ކުރުން މަނާކޮށްފައިވީ ނަމަވެސް ޗައިނާގެ ކުންފުނިތަކުން ގެސްޓް ހައުސް ވިޔަފާރީގައި އުޅޭ ކަމަށާއި އެކަމުގައި މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.

ނާޒިލް ވިދާޅުވީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ޑިމޮކްރަސީ ހޯދައި އަސާސީ ހައްގުތައް ކަށަވަރުކުރުމުން އެ ހައްގުތައް މިސަރުކާރުން ހަނިކުރަމުންދާ ކަމަށެވެ.

ދިވެހިރާއްޖެ މިހާރު މިދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް. ގާނޫނުގެ ވެރިކަމެއް ނުހިނގާ،" ނާޒިލް ވިދާޅުވި އެވެ.

ނާޒިލް އިތުރަށް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައްވެސް ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށެވެ.