ހަބަރު

ދުންޔާ، އިޓަލީގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިޓަލީގެ ފޮރިން މިނިސްޓަރު ޕޯލޯ ޖެންޓިލޯނީ އާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ ބޭއްވި އެބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭ ގޮތުން އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ދެއްވާ ސަމާލުކަން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރެއްވި އެވެ.

އަދި މީގެއިތުރުން މިއަހަރަކީ ދެގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުމަށް 50 އަހަރުފުރޭ އަހަރަށްވާތީ އެކަން ފާހަގަ ކުރުމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.

ދުންޔާ އިއްޔެ ވަނީ އިޓަލީގެ ޑެޕިއުޓީ އެންވާރަމެންޓް މިނިސްޓަރާ ވެސް ބައްދަލުކުރައްވާފަ އެވެ. އެބައްދަލުވުމުގައި ދުންޔާ ވަނީ ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ޖަޒީރާ ގައުމެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާ ލައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

މިދެ ބައްދަލުމުގައިވެސް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަ މިޝަންގެ ކައުންސެލާ ފާތިމަތު ގިނާ އާއި ފޮރިން މިނިސްޓްރީގެ ސީނިއާ ޑެސްކް އޮފިސަރު ހުސައިން ޖައްހާޒް ބައިވެރިވެލެއްވި އެވެ.

ދުންޔާ މިހާރު އިޓަލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޕޯލޯ ޖެންޓިލޯނީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.