ގާނޫނާ ހިލާފަށް އެޗްޑީސީން ވަކިކުރި މުވައްޒަފަކަށް އަލުން ވަޒީފާ ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފި އެވެ.
މިއީ އެޗްޑީސީގެ އާދައިގެ މަގާމެއްގައި ހުރި ސެކިއުރިޓީ އެސިސްޓެންޓަކު ވަޒީފާއިން ވަކިކުރި މައްސަލަ އެކެވެ.
މި މައްސަލައިގައި އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް އެޗްޑީސީން ދެއްކި ހުއްޖަތަކީ، އެ މުވައްޒަފާއި އެޗްޑީސީއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން، ދެން އެ ކޮންޓްރެކްޓް އާކުރަން ބޭނުން ނުވުމެވެ.
އެހެންނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ކޮންޓްރެކްޓް ހަމަވިތާ ގާތްގަނޑަކަށް ފަސް މަސް ދުވަސް ފަހުންނެވެ.
ކޮންޓްރެކްޓް ހަމަވި ފަހުން އިތުރަށް ހިނގައިދިޔަ ފަސް މަސް ދުވަހު އެ މުވައްޒަފު ބަރާބަރަށް ވަޒީފާއަށް ނުކުމެފައިވާއިރު އެޗްޑީސީން ބަރާބަރަށް މުސާރަވެސް ދީފައިވެ އެވެ. އެހެންކަމުން އެ މުވައްޒަފަކީ ދާއިމީ މުވައްޒަފެއް ކަމަށް ބެލެވޭނެ ކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ގޮތުންވެސް އަދި މައުލޫއީ ގޮތުންވެސް އަދުލުވެރިކަމާއެކު ކަންކަން ނިންމާފައި ނުވާތީ އެވެ.
މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމީ، އެ މުވައްޒަފަށް ވަޒީފާ އަލުން ދިނުމުގެ އިތުރުން، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން، އަލުން ވަޒީފާއަށް ނެރޭ ދުވަހާއި ހަމައަށް އަސާސީ މުސާރަވެސް ދިނުމަށެވެ.